ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ދެ ގަރާރެއް ހުށަހަޅުއްވައިފިއެވެ.
މިދިޔަ ބްރާސްފަތި ދުވަހު ޖާބިރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ދެ ގަރާރުގެ ތެރެއިން އެއް ގަރާރުގައި އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލަށް ދާތީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ސިނާއަތު ވަނީ ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައި ކަމަށެވެ. އަދި ރަށު ރައްޔިތުންނަށް ސީދާ މަންފާ ލިބެމުން އަންނަ ގެސްޓް ހައުސްގެ ވިޔަފާރި ވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ދިއުމުގެ ބިރު ބޮޑު ވެފައިވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރި ވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ދިއުމުގެ ބިރު ބޮޑު ވެފައިވަނީ، ރާއްޖޭގެ ބޭންކު ތަކުން އެ ސިނާއަތް ތަރައްގީ ކުރުމަށް އެކްށީގެންވާ ފައިނޭންސް ފޯރުކޮށް ނުދެވުމުން ކަމަށެވެ. އަދި ބޭންކު ތަކުން ލިބެން ހުރި މަދު ފައިނޭންޝަލް ފެސިލިޓީޒްތަކަށް ވާސިލްވުމަށް އާންމު ގެސްޓް ހައުސް ވިޔަފާރިވެރިޔާއަށް ހާހުން ހުރަސްތައް ކުރިމަތި ކުރުވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ނަމަވެސް، ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޖާބިރު ވަނީ އެދިލައްވާފައެވެ.
ޖާބިރު ހުށަހެޅުއްވި ދެވަނަ ގަރާރަކީ ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ރަށްތަކާއި އެރަށްތަކުގެ ރައްޔިތުންނަށް އެހީވުމާއި ގުޅޭގޮތުން އޭނާ ހުށަހެޅުއްވި ގަރާރެކެވެ. އެގޮތުން އޭނާ ވިދާޅުވީ، ރާއްޖޭގެ ކުރިހާ ކަންކޮޅުތަކަކަށް ކުރި ވިއްސާރާގައި ގިނަ ރަށްތަކަށް ބެޑެތި ގެއްލުން ލިބި، ބައެއް އާއިލާތަކުގެ ހާލަތު ދަށަށް ގޮސް، ދަތި ހާލުގައި ޖެހިފައިވާ ކަމަށެވެ. އަދި މި ރަށްތަކަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު އެސްސްމަންޓެއްކޮށް، ގެއްލުންވި ގެދޮރާއި ހަލާކުވެދިޔަ ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންލިބި ހާލުގައި ޖެހުނު މީހުންނަށް ލިބިފައިވާ ގެއްލުން ތަކުގެ ތަފްސީލު ހޯދާ މިކަންތައް ހައްލުކޮށްދިނުމަށް ޖާބިރު ވަނީ އެދިފައެވެ.
ޖާބިރު ވިދާޅުވީ މި ގަރާރު ހުށްހެޅުމުގެ ބޭނުމަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހްސާސްތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ދައުލަތުގެ ސަމާލުކަމަށް ގެނެސްދިނުން ކަމަށެވެ.