ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު މުހައްމަދު ހުސައިން ޝަރީފުގެ (މުންދު) ބައްޕާފުޅު އަދި މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ) ގެ ފިރިކަލުން، ހުސައިން ޝަރީފު މިއަދު އަވަހާރަވެއްޖެއެވެ.

ހުސައިން ޝަރީފު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން އިންޑިއާގެ ބެންގަލޫރުގައި ފަރުވާދެމުން ދަނިކޮށެވެ. އޭގެ ކުރިން އޭނާ އަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ވެސް ފަރުވާ ދީފައިވާއިރު، އޭނާ އިންޑިއާ އަށް ގެންދެވުނީ މީގެ ތިން ދުވަސް ކުރިންނެވެ.

ހުސެއިން ޝަރީފަކީ މީގެ ކުރިން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ވަނީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގައެވެ. ރާއްޖޭގެ މުވާސަލާތީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައި އިރު އެކަމުގައި އިސްކޮށް އުޅުއްވީ ހުސެއިން ޝަރީފެވެ. އޭގެ ތެރޭގައި ބައެއް މުހިންމު މަޝްވަރާތަކުގައި ވެސް ބައިވެރިވެވަޑައިގަތެވެ. މި ދާއިރާގެ އިތުރުން، އޭނާ ވަނީ ފޮރިން މިނިސްޓްރީގައި ވެސް ހިދުމަތް ކުރައްވާފައެވެ.

ސަރުކާރުގެ އެކި މަގާމުތަކުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި ހުސެއިން ޝަރީފް އަވަހާރަ ވީ އިރު ތިއްބެވި ތިން ބޭފުޅުންގެ ތެރެއިން ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުންދު އަކީ އެންމެ ދޮށީ ދަރިކަލުންނެވެ. އަދި އައިންތު ހުސެން ޝަރީފު ވެސް ވަނީ މިދިޔަ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވައިފައެވެ.