ރާއްޖޭގެ ހުރިހާ ކުދިންނަކީ ޖެނެރަލް އެޑިއުކޭޝަން ނިންމާ ބަޔަކަށް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން ސެކްޓާގެ ޕްލޭން (އީއެސްޕީ) އާ ބެހޭގޮތުން ޓީވީ ޕްރޮގަރާމެއްގައި ވާހަކަ ދައްކަމުން، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ، ކުރިއަށް އޮތް 5 އަހަރަށް އެޑިއުކޭޝަން ދާއިރާ ބައްޓަން ވެގެން ދާނީ އީއެސްޕީ އިން ކަމަށެވެ. އަދި މި ޕްލޭންގެ ދަށުން ރާއްޖޭގެ ހުރިހާ ކުދިންނަކީ ޖެނެރަލް އެޑިއުކޭޝަން ނިންމާ ބަޔަކަށް ހެދުމަށް ބާރުއަޅުއްވާނެ ކަމަށާޢި، ސްކޫލް ނިންމާ ދަރިވަނުންނަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުތައް ފުރިހަމައަށް ތަރައްގީވެފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އީއެސްޕީ އަކީ، އެޑިއުކޭޝަން ސެކްޓާގެ އެނާލެސިސްއެއް ހެދުމަށްފަހު އެކުލަވާލައިފައިވާ ޕްލޭނެއް ކަމަށެވެ. މި އެނަލެސިސްގައި ހިޔާލާއި މަޝްވަރާ ހޯދި ފަރާތްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އަދި ތައުލީމީ ދާއިރާގެ ތަޖުރިބާ ކާރުންގެ އިތުރުން މިހާރު ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނާއި ޕްރިންސިޕަލުން ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ޕްލޭނުގައި ހިމެނޭ އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި ދަރިވަރުންގެ ނާސްތާއާއި، ހޮލިސްޓިކް އެޑިއުކޭޝަން ޕޮލިސީއާއި، އެއްދަންފަޅިއަށް ކިޔަވައިދިނުމާއި، ސްކޫލްބޭސްޑް މެނޭޖްމެންޓް ޕޮލިސީ އަދި އިތުރުއެހީގެ ނިޒާމާއި، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުން ހިމެނެއެވެ. މީގެ އިތުރުން މި ޕްލޭނުގައި ހިމެނޭ ކަންތައް ތަކުގެ ތެރޭގައި، ތައުލީމީ ދާއިރާއަކީ، އެއްވެސް ދަރިވަރަކު ބާކީނުކޮށް ހުރިހާ ދަރިވަރުން ޝާމިލްކޮށްގެން ކިޔަވައިދޭ ދާއިރާއަކަށް ހަދައި، ދަރިވަރުންނަކީ ދިރިއުޅުމަށް ތައްޔާރު ކުރެވިފައިވާ ބަޔަކަށް ހެދުން ހިމެނެއެވެ. އަދި ދަރިވަރުން އަމިއްލަ ރަށުގައި މައިންބަފައިންގެ ކައިރީގައި ބައިތިއްބައިގެން ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށާއި، މުދައްރިސުންނަށް ބޭނުންވާ ހުނަރާއި ތަޖުރިބާ ހޯދައިދިނުމަށް މި ޕްލޭންގައި ކަނޑައަޅާފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިހާރު ކުރިއަށްގެންދާ ދަސްވާރު އަދި ބީޓެކްފަދަ ޕްރޮގްރާމްތައް އަލުން މުރާޖައާކޮށް ދަރިވަރުންނަށް އެންމެ ފުރިހަމަ ހުނަރާއި ތައުލީމު ފޯރުކޮށްދެވޭނެ ގޮތަކަށް ބައްޓަން ކުރުމުގެ މަސައްކަތާއި ސްކޫލްތައް ހިންގުން ޑީސެންޓްރަލައިޒްކޮށް ސްކޫލްތަކުގެ ނިންމުންތައް ނިންމުމުގެ ފުރުސަތު ސްކޫލްތަކަށް ދިނުމުގެ މާހައުލެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭން ޖެހެނީ ހަމައެކަނި ކިޔެވުމަށް ދަށް ދަރިވަރުންނަށް ނޫން ކަމަށާއި، ސްކޫލް ނިންމައި މުޖްތަމައަށް ނުކުންނަ ކޮންމެ ދަރިވަރަކީ ވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.

މިއަހަރު ބޭއްވުނު ޕްރިންސިޕަލުންގެ މަހާސިންތާ އަދި ކަރިކިއުލަމް ސިމްޕޯޒިއަމްގައި ވެސް އީއެސްޕީ ހިއްސާ ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، އީއެސްޕީ ފައިނަލައިޒް ވެގެން ދިއުމުން ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) ގައި ބައިވެރިވުމަށް ހުށައެޅުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ. ޖީޕީއީ އަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އެޑިއުކޭޝަން ސެކްޓާ ތަރައްގީ ކުރުމަށް ހިލޭ އެހީދޭ ފަރާތެކެވެ. މީގެ އިތުރުން، ކަރިކިއުލަމް ރިވައިޒް ކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިންޓަނޭޝަނަލް ބިޑަށް ހުޅުވާލާފައިވާ ކަމަށާއި އެ މިނިސްޓްރީއާ ސްކޫލްތައް މިހާރު ހިނގާގޮތް ރިވައިސްކުރެވި ތައުލީމީ ދާއިރާގައި ދިމާވެފައިވާ މައްސަލަތައް ދިމާވާ ސަބަބުތައް ހޯދައި އެކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އީއެސްޕީއަކީ އެންމެންނަށްވެސް އެކަމުގެ މައުލޫމާތު އެނގިގެން ކުރިއަށް ގެންދާ އެއްޗަކަށް ހެދުަމަށް ބާރުއެޅުމުގެ ގޮތުން ސްކޫލްތަކާއި، ބެލެނިވެރިންގެ އިތުރުން ތައުލީމީ ދަޢިރާއަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް އީއެސްޕީގެ މައުލޫމާތު ހިއްސާ ކުރާނެކަމަށެވެ.