ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ރައީސް ވިދާޅުވީ މި ގައުމަކީ ދުންފަތުގެ ވަބާއިން މިންޖުވެފައިވާ، ހަށިހެޔޮ ދުޅަހެޔޮ ގައުމަކަށް ހަދަންޖެހޭ ކަމަށެވެ. ދުވަހާ ގުޅޭ ގޮތުން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ރައްޔިތުން ދުންފަތާ ދުރުކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް މިއަދަކީ ވަރަށް ތާރީހީ ދުވަހެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ހިތޯބުގައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރި ސިނގިރޭޓު ފަދަ ތަކެތި ވަކިން ވިއްކުން މަނާކުރުމުގެ ގަވައިދަށް މިއަދު އަމަލު ކުރަން ފެށުމަކީ މިކަމަށް ލިބުނު ކުރިއެރުމެއްކަން ފާހަގަ ކުރައްވާފައެވެ.

މި ގަވައިދުގައި ވާ ގޮތުން ސިނގިރޭޓު، ބިޑި އަދި ސުއްޓާ ފަދަ ތަކެތި ވަކިން ވިއްކުމާ ދުންފަތް 30 ގުރާމަމަށް ވުރެ މަދުން ވިއްކުމާ، ސިނގިރޭޓުފަދަ ތަކެތި ވިއްކާއިރު ފޮށީގެ ބޭރުގައި ސިނގިރޭޓުންވާ ގެއްލުމުގެ ފޮޓޯ ފެންނަ ލޭބަލެއް ނުޖަހާ ވިއްކުމާ، މާލޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތޯބުގައި ވަނީ މިއިން ކޮންމެ ކަމަކަކަށް ފުރިހަމަޔަށް އަމަލު ކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ހަށިހެޔޮ ކަމާ ދުޅަހެޔޮކަން އިތުރުކޮށްދީ، އުފާވެރި ދިރިއުޅުމެއް ހޯދުމަށްޓަކާ ކޮންމެހެން ކުރުން މުހިންމު ކަންކަން ކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ދުވަހެއް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރުމަކީ އާންމުން މިކަމަށް އިތުރަށް ހޭލުންތެރި ކުރުމާ، ދުންފަތް ކޮންޓްރޯލު ކުރުމާ މެދު ހަރުދަނާ ސިޔާސަތު ތަކެއް ތަންފީޒު ކުރުމަށް ދައުލަތްތަކާ، މަދަނީ ޖަމިއްޔާތަކައް ބާރު އެޅުން ކަމަށެވެ.

މިއަދު ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރަމުން މިދާ ދުންފަތުގެ އިސްތިއުމާލު ނުކުތާ ދުވަހުގެ ޝިއާރެއްގެ ގޮތުގާ ކަނޑައަޅައިފައި ވަނީ "ފުއްޕާމޭގެ ދުޅަހެޔޮ ކަމާ ދުންފަތް" އެވެ.