ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ފުރަތަމަ ފަހަރަށް މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގެންފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހޮވިވަޑައިގެންފައިވަނީ މަޖިލީހަށް ހާޒިރުވެ ތިއްބެވި 86 މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ޖުމްލަ 67 ވޯޓުންނެވެ.
މަޖިލީހުގެ ރައީސް ކަމަށް ދެ ބޭފުޅުންގެ ނަަން ހުށަހަޅާފައިވާ އިރު ނަޝީދުގެ އިތުރުން ނަން ހުށަހަޅާފައި ވަނީ 18 ވަނަ މަޖިލީހުގެ ރައީސް ކަން ކުރެއްވެވި ގާސިމް އިބްރާހިމެވެ. ގާސިމް އިބްރާހިމަށް ލިބިފައިވަނީ 17 ވޯޓެވެ.
މަޖިލީހުގެ ރައީސް ކަމަށް ނަޝީދުގެ ނަން ހުށަހަޅުއްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އަދި ތާއިދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އޭގެއިތުރުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މާމިނގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އަދި ތާއިދުކުރެއްވީ ފަރެސްމާތޮޑާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
19 ވަނަ މަޖިލީހުގެ ރައީސް ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ކަނޑައަޅަން އެމްޑީޕީން ނިންމާފައިވަނީ ރޭ ދަރުބާރުގޭގައި އެމްޑީޕީން ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އަސްލަމްގެ ނަން އީވާ ހުށަހަޅުއްވާފައި ވަނިކޮށް، އަސްލަމް ވަނީ އޭނާއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ރައީސް ނަޝީދުގެ ނަން ހުށަހަޅުއްވާފައެވެ. އަސްލަމްގެ މި ހުށަހެޅުއްވުމަށް ދެން އެޕާޓީން މަޖިލީހުގެ ރައީސް ކަމަށް ކެމްޕޭނު ކުރައްވަމުން ގެންދެވި އަފީފް ވަނީ ތާއީދު ކުރައްވާފައެވެ. މި ދެ މެންބަރުންގެ މި ނިންމުމަކީ، ޕާޓީ ތެރޭގައި އުފެދޭނެ ހިތްހަމަނުޖެހުން ތަކުން ދުރުވުމަށް ދެ މެންބަރުންގެ މަޝްވަރާގެ މަތިން ނިންމަވާފައިވާ ނިންމެވުމެކެވެ.
ކުރިން ރައީށް ނަޝީދު ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު މަޖިޅިހުގެ ރައީސް ކަމަށް ގެންނަން ފެނިވަޑައިގަންނަވަނީ އަސްލަމަް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އޭގެ ފަހުން ރައށީް ސޯލިހް ވަނީ އަފީފް މަޖިލީހުގެ ރައީސް ކަމަށް ގެންނަވަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. މި ހިޔާލު ތަފާތުވުމާއެކު ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތައް ފެތުގެން ގޮސްފައިވާއިރު ނަޝީދާއި ރައީށް ސޯލިހްގެ މެދުގައި ވާ ރަހްމަތްތެރިކަމަށް ބުރޫއެއް އަރާފާނެކަމަށްވެސް ގިނަ ބަޔަކު ދިޔައީ ހިޔާލުފާޅުކުރަމުންނެވެ.
ރާއްޛޭގައި މިހާތަނަށް ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު މަޖިލީހުގެ ރިޔާސަތަށް ހަވާލުވި މީ ފުރަތަމަ ފަހަރަށް ވީއިރު މިއީ މިހާތަނަށް މަޖިލީހުގައި އެންމެ މެންބަރުން ގިނަ ފަހަރުވެސް މެއެވެ. ޖުމްލަ 65 ގޮނޑި ކާމިޔާބުކޮށްގެން އެމްޑީޕީން އިން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ.