ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުގެ އޮފިޝަލުންނާ، އަފްޣާނިސްތާނުގެ ސިޔާސީ ބޭފުޅުންނާ ދެމެދު މި ހަފުތާ ތެރޭގައި ބައްދަލުވުންތަކެއް ކުރިއަށްދާނެ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ތޯލިބާނުންގެ ފަރާތުން ވަކާލާތު ކުރަމުންދާ މުއްލާ ބަރާދަރު އިސްކޮށް ހުރެގެން އަފްޣާނިސްތާނުގެ ސިޔާސީ އޮފިޝަލުންނާ އެކު ބާއްވާ ބައްދަލުކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިމަޝްވަރާތައް ބާއްވާ މި ދަނޑިވަޅަކީވެސް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ތޯލިބާނުގެ ހަނގުރާމަވެރިންނާ ދެމެދު އަފްޣާނިސްތާނުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެކެވެ. އަދި މިއީ ތޯލިބާނުންނާ އަފްޣާނިސްތާނުގެ ސަރުކާރު ސުލްހަ ކުރުމަށް އެމެރިކާއިންވެސް މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެކެވެ.

މޮސްކޯގައި ކުރިއަށްގެންދާ މި ބައްދަލުވުންތަކަކީ، އަފްޣާނިސްތާނާއި ރަޝިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރިތާ 100 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ ބައްދަލުވުންތަކާ ދިމާކޮށް ކުރިއަށް ގެންދާ ބައްދަލުވުންތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ކޮންފަރެންސްގައި ބައިވެރިވުމަށް ތޯލިބާނުންނަށްވެސް ދައުވަތު ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ ޖަލުބަންދުން މިނިވަންވިފަހުން ބަރާދަރު ކުރާ މިފަދަ ފުރަތަމަ ދަތުރަށްވާއިރު، އަފްޣާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒައީވެސް މޮސްކޯގައި ހުންނަވާނެކަން އޭނާގެ ތަރުޖަމާނު ވަނީ އިއުލާންކުރައްވާފައެވެ.

އަފްޣާނިސްތާނުގެ މިހާރުގެ ރައީސްގެ ތަރުޖަމާނު ވިދާޅުވީ، ރަޝިޔާއާއިއެކު ކުރިއަށްދާ ކޮންފަރެންސްގައި އަފްޣާނިސްތާނުގެ ފަރާތުން އިސްކޮށް ހުންނަވާނީ އަފްޣާނިސްތާނުން ރަޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށެވެ. ނަމަވެސް ތޯލިބާނުންނާއެކު ސަފީރު މަޝްވަރާކުރައްވާނެ ކަމެއް ނުވަތަ ނޫންކަމެއްވެސް ތަރުޖަމާނު ވިދާޅުވެފައެއް ނުވެއެވެ.

އެމެރިކާގެ މޭސްތިރިކަމުގެ ދަށުން އަފްޣާނިސްތާނުގައި ސުލްހަ ގާއިމުކުރުމުގެ ނަމުގައި ގަތަރުގެ ދޯހާގައި މަޝްވަރާތަކެއް ކުރިއަށް ގެންދާތާ ދުވަސްތަކެއް ވެފައިވާއިރު، އަފްޣާނިސްތާނުގެ ރައީސް އަޝްފަރު ޣަނީގެ ސަރުކާރަކީ ހުޅަނގުގެ "ގޮނޑިކޮއްކޮ" ސަރުކާރެއް ކަމަށް ބުނެ، ތޯލިބާނުން ވަނީ އަފްޣާން ސަރުކާރާއެކު ސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެކޮޅު ހަދާފައެވެ.