ރާއްޖޭގެ ވުޒާރާތަކަށާއި، ކުންފުނިތަކަށް ހަދިޔާ ފޮނުވީ އެ ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން އިސްނަގައިގެން ހެޔޮނިޔަތެއްގައި ކަމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯނުން ބުނެފިއެވެ.

ރާއްޖެ އެމްވީ އަދި ރާއްޖެ ޓީވީން، މިދިޔަ ހުކުރު ދުވަހު ޝާއިއުކޮށްފައިވާ، ރިޕޯޓަކާ ގުޅޭގޮތުން، ގްރޭޓާ މާލެ އިން ނެރުނު ނޫސް ބަޔާނެއްގައި އެ ކުންފުނިން ރާއްޖޭގެ ވުޒާރާތަކަށާޢި ކުންފުނިތަކަށް ފޮނުވި ހަދިޔާއާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ހަބަރަކީ ދޮގު ހަބަރެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ދެފުށް ބެލުމެއް ނެތި، އާންމު ކޮށްފައިވާ ހަބަރެއް ކަމަށްވެސް ބުނެއެވެ.

ގްރޭޓާ މާލެ އިން ބުނީ، އެ ކުންފުނިން، މި ރޯދަމަހު ހަދިޔާގެ ގޮތުގައި ދިިނީ މުސައްލަ، ޒިކުރު ފޮތް، އަތަރު ފުޅި އަދި ކާޑުގެ ބާވަތްތައް ކަމަށެވެ. އަދި މި ތަކެއްޗަކީ، އެހެން ކުންފުނިތަކުން ފޮނުވި އެއްޗެއްސަށް ވުރެ، ހަރަދު ކުޑަ، ގިނަ ދުވަހު ބޭނުން ކުރެވޭނެ އެއްޗެހި ކަމަށެވެ. އެ ކުންފުނިން ބުނީ މިފަދަ ހަދިޔާއެއް ދިނުމުގެ މަގްސަދަކީ، އަޅުކަން ކުރުމަށް ބާރު އެޅުމާއި އިލްމު ފެރުރުން ކަމަށެވެ. އަދި މިފަދަ ކަންކަމުން ކުންފުނިތަކުގެ މެދުގައި އޮންނަ ގާތްގުޅުން ބަދަހި ވާނެ ކަމަށް ވެސް އެ ގްރޭޓާ މާލެއިން ބުނެއެވެ.

އެކުންފުނިން ވަނީ، ހަބަރު ފެތުރުމުގައި ދެފުށް ބެލުމަށް ފަހު ރައްޔިތުންނާއި ހަމައަށް މައުލޫމާތު ފޯރުކޮށް ދިނުމަށް އެދިފައެވެ.