ފިސްތޯލަ ގެންގުޅެގެން އަދީބަށް ކުރި ހުކުމް ބާތިލު ކޮށްފިއެވެ. ފިސްތޯލަ ގެންގުޅެގެން އަދީބުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލުހުކުމް ބާތިލު ކުރީ ސްޕްރީމް ކޯޓުންނެވެ.

އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ ޖޫން 5، 2016 ގައެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާފައެވެ.

އަދި ހައިކޯޓުން ކުރި ހުކުމް އަދީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއަދު އޮތީ ސުޕްރީމް ކޯޓުން ބެލި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުގެ ފަރާތުން ވަނީ އަދީބަށް ހުކުމްކޮށްފައި ވަނީ ގޯސްކޮށް ކަމަށް އެއްބަސްވެފައެވެ. އަދި ގޯސްކޮށް ކުރާ ހުކުމެއް ޖެހޭނީ ބާތިލު ކުރަން ކަމަށް އަޑުއެހުމުގައި ވަނީ ބުނެފައެވެ.

އަދީބަކީ ނިމިދިޔަ ރައީސް ޔާމީނު ސަރުކާރުގެ ނައިބު ރައީސްގެ އިތުރުން ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދީބުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި އެމްއެމްޕީއާރުސީ ހިޔާނާތް ހިނގާ، ކޮރަޕްޝަނާ ޓެރަރިޒަމްގެ ކުށްތަކުގެ ދައުވާ ސާބިތުގެ އޭނާ ގެންދެވީ 34 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އަދީބު ޖަލު ބަންދުން ގެއަށް ބަދަލު ކޮށް އަދިވެސް ހުންނެވީ ގޭގައެވެ.