ރައީސް ނަޝީދުގެ ސަރުކާރުގައި އެއާޕޯޓު ހިންގުމަށް ސަރުކާރުން ހަވާލު ކުރި ޖީއެމްއާރަށް ޓެކްސް މާފުކޮށްދިނުމާ ގުޅިގެން ޕީއެންސީ ގެ ރައީސް އަދި ކުރީގެ ފޮނަދޫ ދާއިރާ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މީރާ އަދި އޭޖީ އާ ސުވާލު ކުރައްވައިފިއެވެ.
އަދުރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ޖީއެމްއާރް އިން ދައުލަތައް ދައްކަން ޖެހޭ 20 މިލިއަން ޑޮލަރު ގެ ޓެކްސް މާފުކޮށްދެން މީރާ އިން އޭޖީ އިބްރާހިމް ރިއްފަތަށް އެދުނީތޯ؟ ނުވަތަ އޭޖީ ރިއްފަތު މީރާގެ ލަފަޔަކަށް އެދުނީތޯ؟ މީރާއިން މިހާރު 20 މިލިއަން ޑޮލަރު އޭޖީގެ ލަފަޔަށް ޖީއެމްއާރަށް މާފުކޮއްދެއްވީތޯ؟" މިހެންނެވެ.
އަދުރޭގެ އިތުރުން އެހެން ބައެއް ސިޔާސީ ފަރާތްތަކުގެ ކަންބޮޑުވުން މިކަމުގައި އޮތް އިރު މީރާއަށް އަމާޒު ވަމުންދާ ސުވާލުތަކަށް މިހާތަނަށް މީރާއިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި މައްސަލަޔާ ގުޅޭގޮތުން އޭޖީ އޮފީހުން ނެރުނު ބަޔާނެއްއްގައި ބުނެފައި ވަނީ އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގެ ފައިސާއިން އެއްވެސް ޓެކްސްއެއް ދައްކަން ނުޖެހޭނެކަމަށް ސަރުކާރުން މައުލޫމާތު ދީފައިވާތީ، އެވޯޑުގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ޓެކްސްއެއް ޖީއެމްއާރުން މީރާއަށް ދައްކަން ނުޖެހޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
އޭޖީ އޮފީހުން ބުނީ މިގޮތަށް ލަފާ ދިނީ ޖީއެމްއާރުން އެއާޕޯޓު ހިންގި އިރު އުފެއްދި ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިވެހި ދައުލަތުން ދޭން ޖެހުނު ފައިސާ ދައްކާ ހަލާސް ކުރި އިރު، އެ ވިޔަފާރީގެ ޓެކްސް އަށް ވި 23 މިލިއަން ޑޮލަރު ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަން ނުޖެހެނޭނެ ކަމަށް އެމްއޭސީއެލުން ކަނޑައަޅާފައި ވާތީ ކަމަށެވެ.
މީރާއިން ވަނީ ޖީއެމްއާރުން ވިޔަފާރި ފައިދާގެ ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 23 މިލިއަން ޑޮލަރު (354.66 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އޭޖީ އޮފީހުން ބުނެފައި ވަނީ މި ފައިސާ އަކީ ދިވެހި ދައުލަތުންނާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން ދައްކަން ޖެހޭ ފައިސާ ކަމަށެވެ.