ރާއްޖެއިން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާއި ދެކޮޅަށް ވޯޓު ދިނީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފާއި (ކަނޑުގެ ސަރަހައްދު) މެދު ގޮތެއް ނިންމާފައި ނުވާތީ ކަމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އައްޑޫ އަތޮޅާއި ޗާގޯސްއާ ދެމެދު، އޮންނަ ދެ ގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން، (200 މޭލުގެ ކަނޑުގެ ސަރަހައްދު) ފުށުއެރުމުގެ ސަބަބުން، 2010 ވަނަ އަހަރު ރާއްޖެއިން ވަނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ކަނޑައަޅައި ދިނުމަށް އދ.ގެ ކޮމިޝަނަށް ހުށަހަޅާފައެވެ. މޮރިޝަސްއިން މި ހުށަހެޅުމަށް އިއުތިޒާރު ކޮށްފައި ވާއިރު، މޮރިޝަސް އިން ވަނީ މި ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް ރާއްޖެއަށް ގޮވާލާފައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، އދ.އިން ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފާއި ގުޅޭގޮތުން ގޮތެއް ނިންމާނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށާ ކިތަންމެ ދުވަހެއް ވިޔަސް، ރާއްޖެ އަށް ލިބެންވާ އެންމެ އިންޗެއްވެސް ދޫކޮށްނުލައްވާނެ ކަމަށެވެ.
ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަން ވުމާއި އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައި ވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެއެވެ. ރާއްޖެ މިނިވަން ވުމާއި އެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މި ސަރުކާރެކޭ އެއްގޮތަށް ކުރީގެ ސަރުކާރުތަކުން ވެސް މި ކަމާއި ގުޅިގެން ގެންގުޅެނީ ހަމައެއް ސިޔާސަތެކެވެ.