ރިޔާސަތު އިތުރު ދައުރެއް ޖޯކޯ ވިޑޯޑޯ ކާމިޔާބު ކުރެއްވިކަން ރަސްމީކޮށް އިއުލާން ކުރެވުމާއެކު އިންޑޮނޭޝިއާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ސަލާމަތީ ބާރުތަކާ އާންމުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ރޭވެސް ހިންގައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާންމުން ވަނީ ފުލުހުންނާ ދިމާލަށް ގަލާ ބަޑިބޭސް އުކާފައެވެ. މީގެ ރައްދުގައި ފުލުހުން ހަމަލާ ދިނީ ރަބަރު ވަޒަނާ، ކަރުނަ ގޭހުގެ އިތުރުން ފެންބަޑި ބޭނުންކޮށްގެން ކަމަށްވެއެވެ. ކަރުނަ ގޭސް ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންގެ ހެޔަށް ގޮތްވިއިރު، އަވަސް ފަރުވާ ދޭ ޓީމުތަކުން މުޒާހަރާގެ މައިދާނުގައި ހަރަކާތްތެރިވި މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ.

އިންޑޮނޭޝިއާ ފުލުހުން ބުނީ ވެރިރަށް ޖަކާޓާގައި މުޒާހަރާ ކުރަމުންދާ މީހުންނަކީ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ބަޔަކު ފައިސާ ދީގެން މަގުތަކަށް ނެރެފައިވާ މީހުން ކަމަށާ، މިހާތަނަށް ހައްޔަރުކުރި 257 މީހުން ބަލާ ފަސްކުރި ކުރުމުގެ ތެރޭގައި، ފައިސާ އަޅާފައިވާ ސިޓީއުރަތައް ފެނިފައިވާކަމަށެވެ. އިތުރަށް ކުރި ސުވާލުތަކުން އެނގުނު ގޮތުގައި އެ ފައިސާއަކީ ހަމަނުޖެހުން ހިންގަން ހިތްވަރެއްގެ ގޮތުގައި ދީފައިވާ ފައިސާކަމަށް އެމީހުން ބުނެފައިވާކަމަށްވެސް އިންޑޮނޭޝިއާ ފުލުހުން ބުނެއެވެ.

މިދިޔަ މަހުގެ 17 ވަނަ ދުވަހު އިންޑޮނޭޝިއާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ވިޑޯޑޯކަން އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ރަސްމީކޮށް އުލާންކުރުމާއެކު ފެށި މުޒާހަރާތަކުގައި މިހާތަނަށް 6 މީހެއްގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.