ރާއްޖެ ހިމެނޭ ގޮތަށް 6 ގައުމަކުން ޗާގޯސް ޖަޒީރާ ނުވަތަ ފޭހަންދީބު މޮރިޝަސްއާ ހަވާލު ކުރުމާއި ދެކޮޅަށް އދ.ގެ އާންމު މަޖިލީހުގައި ވޯޓު ދީފިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ރޭ ނެގި މި ވޯޓަކީ، އިނގިރޭސިވިލާތުން ޗާގޯސް އަށް ވެރިވެގަނެގެން އުޅެނީ ގާނޫނު ހިލާފަށް ކަމަށް ނިންމައި، ޗާގޯސް މޮރިޝަސްއާ ހަވާލު ކުރަން އަންގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިދިޔަ ފެބްރުއަރީ މަހު އެޑްވައިޒަރީ އޮޕީނިއަން ތަންފީޒުކުރުމަށް މޮރިޝަސް އިން ގޮވާލާއި އާންމު މަޖިލީހަށް ފޮނުވި ގަރާރާ ގުޅިގެންނެވެ.

ރޭ ނެގި މި ވޯޓުގައި އދ.ގެ އާންމު މަޖިލީހުން ޗާގޯސް މޮރިޝަސްއާ ހަވާލު ކުރުމަށް ވޯޓު ދީފައިވާއިރު މޮރިޝަސް އިން އާންމުކުރި ގަރާރާ އެއްކޮޅަށް 113 ގައުމަކުން ވޯޓު ދީފައިވެއެވެ. އަދި މި ގަރާރާ ދެކޮޅަށް ވޯޓު ދިން ހަ މެންބަރު ގައުމުގެ ތެރޭގައި، އިނގިރޭސިވިލާތާއި އެމެރިކާއާއި ރާއްޖޭގެ އިތުރުން ހަންގޭރީ، އޮސްޓްރޭލިއާ އަދި އިސްރާއީލް ހިމެނެއެވެ. މި މަޖިލީހުގައި ވަކިކޮޅަކަށް ވޯޓު ނުދޭ ގައުމުތަކުގެ އަދަދު 54 އަށް އަރައެވެ.

މޮރިޝަސްއަށް މިނިވަންކަން ލިބުމުގެ ކުރިން، އެ ގައުމުގެ ބައެއްގެ ގޮތުގައި އޮތް ޗާގޯސް، މޮރިޝަސްއާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް އައިސީޖޭ އިން ބުނެއެވެ. އަދި މޮރިޝަސް އިނގިރޭސި އިސްތިއުމާރުން އެއްކޮށް މިނިވަން ކުރުމަށް ޓަކައި އެގައުމުން ޗާގޯސްގެ ކޮންޓްރޯލް ދޫކޮށްލަން ޖެހޭ ކަމަށް ވެސް އައިސީޖީން ބުނެއެވެ.

ރާއްޖެއިން، ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމާއި ދެކޮޅަށް ވޯޓު ދިނީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހިމާޔަތް ކުރުމަށް ކަމަށް ބުނެއެވެ. އެއީ އައްޑޫ އަތޮޅާއި ފޯޅަވައްސާއި ދެމެދު، ދެ ގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަށް ފުށުއަރާތީއެވެ. ނަމަވެސް، މޮރިޝަސް އިން ވަނީ މި ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް ރާއްޖެއަށް ގޮވާލާފައެވެ.