7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންގޮސް މިދިޔަ އާދީއްތަ ދުވަހު ނިންމާލި އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓު ގުނަން ފަށާފައި ވާއިރު، މި ހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ވެރިކަން ކުރާ ބީޖޭޕީއިން ބޮޑު ލީޑެއް ނަގައިފިއެވެ.
އިންޑިއާ ގަޑިން ހެނދުނު 08:00ގައި ވޯޓުގުނުމުގެ މަސައްކަތް ފަށާފައި ވާއިރު، މިހާތަނަށް (09:30 އާއި ހިސާބަށް) ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު ބީޖޭޕީއިން ވަނީ 300 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. ކޮންގްރެސްއިން 100 އަށްވުރެ ގިނަ ގޮނޑީގެ ކޮންޓްރޯލް ނަގާފައި ވާއިރު އެހެން ޕާޓީތަކަށް ލިބިފައިވަނީ 90 ގޮނޑިއެކެވެ.
ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް މިހާރުގެވެސް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކުރިމައްލައްވާއިރު، މޯދީއާއި އެންމެ ގާތުން މިމަގާމަށް ފައިވިއްދަވައިގެން ހުންނެވި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ވަނީ އޭނާ ވާދަކުރައްވާ ވަޔާނާދު ދާއިރާއިން ކުރި ހޯއްދަވާފައެވެ.
މިފަހަރުގެ އިންތިހާބުގައި ބީޖޭޕީއިން ހޯދަމުންދާ ލީޑަކީ ފާއިތުވީ 30 އަކަށް އަހަރު ދުވަހުގެ ތެރޭގައި ޕާޓީއެއް ގިނިކަންޏާ މިހާ ބޮޑު ކުރިއެރުމެއް ހޯދި ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ 542 ގޮނޑިއަށް 8000 އަށްވުރެ ގިނަ ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 900 މިލިއަން މީހުން ތިބިއިރު، ވޯޓު ދީފައިވަނީ މީގެ %67.11 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.