ޖީއެމްއާރަށް އެއާޕޯޓް ދީގެން އުޅުނު ދުވަސްވަރު ހިނގާފައި އޮތް ޓެކްސް ފައިސާއަށް ވާ 20 މިލިއަން ޑޮލަރު ސަރުކާރުން މާފުކޮށްދިނީ ތޯ ނޫންތޯ ސާފު ކޮށްދިނުމަށް ޕީޕީއެމް ކޮންގްރެސް އިން ގޮވާލައިފިއެވެ.

އެ ދެ ޕާޓީ ގުޅިގެން މިހާރު ބާއްވަމުން ދާ ޕްރެސް ކޮންފަރެންސްގައި އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އިވޭ އަޑުތަކަށް ބަލާއިރު ޖީއެމްއާރުން ދިވެހި ދައުލަތަށް ލިބެން ޖެހޭ ފައިސާ، ދައުލަތުގެ ބަންޑާރަ ނައިބާއި މީރާއާ ދެމެދު މަޝްވަރާ ކުރެވި މާފުކޮށްދޭން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. އަދި މިއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާ، މިކަމުގެ ހަގީގަތް ދައުލަތުގެ ބަންޑާރަ ނައިބާއި މީރާއިން ހާމަ ކޮށްދޭން ޖެހޭނެ ކަމަށެވެ.

މިމައްސަލާގައި އިތުރަށް އޭނާ ވިދާޅުވީ، އެޓާނީ ޖެނެރަލް ކަމާ އިބްރާހިމް ރިއްފަތު ހަވާލުވެވަޑައިގެން ފަހުން ޖީއެމްއާރުގެ އިސް ބޭފުޅަކާ ބަންޑާރަ ނައިބުގެ އޮފީހުގައި ރިއްފަތު ބައްދަލު ކުރައްވާފައި ވާކަމަށެވެ. އަދި ޓެކްސް ފައިިސާ މާފުކުރަން މީރާއަށް ސިޓީއެއް ފޮނުވިންތޯއާއި ސިޓީއެއް ފޮނުވި ނަމަ އެސިޓީގައި ސޮއި ކުރެއްވީ ކާކުކަންވެސް ހާމަ ކުރެއްވުމަށް އޭނާ ވަނީ އެޓާނީ ޖެނެރަލަށް ގޮވާލައްވާފައެވެ.

ޖީއެމްއާރުން މީރާއަށް ދައްކަން ޖެހެނީ ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ފައިދާގެ ގޮތުގައި 14.4 މިލިއަން ޑޮލަރާއި ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި 2.8 މިލިއަން ޑޮލަރާއި އެ ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 3.3 މިލިއަން ޑޮލަރެވެ. އެއީ ޖުމްލަ 20 މިލިއަނެއްހާ ޑޮލަރެވެ.

މިމައްސަލައާއި ގުޅިގެން ރިއްފަތު ވިދާޅުވެފައި ވަނީ އޭނާ ބަންޑާރަ ނައިބު ކަމާ ހަވާލުވެވަޑައިގެންނި ފަހުން ޖީއެމްއާރާ ގުޅޭ އެއްވެސް ކަމެއް ނިންމަވާފައި ނުވާނެ ކަމަށެވެ.

ރިއްފަތަކީ ޖީއެމްއާރުން އާބިޓަރޭޝަން މައްސަލަ ކުރިއަށް ގެންދިޔަ އިރު އެކުންފުނީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.