އެޓާނީ ޖެނެރަލް (އޭޖީ) ގެ މަގާމުގައި ހުންނަވައިގެން ޖީއެމްއާރުއާ ގުޅޭގޮތުން އެއްވެސް ކަމެއް ނިންމަވާފައި ނުވާނެކަމަށް މި ސަރުކާރުގެ އޭޖީ އިބްރާހީމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި ވަނީ އިންޑިއާގެ ޖީއެމްއާރުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަން ނުޖެހޭ ކަމަށް އޭނާ ލަފާ ދެއްވި ކަމުގެ ތުހުމަތު ކުރީގެ ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް ކުރެއްވުމާ ގުޅިގެންނެވެ.

"އޭޖީގެ މަގާމުގައި ހުރެ ޖީއެމްއާރުއާ ގުޅޭގޮތުން އެއްވެސް ކަމެއް އަޅުގަނޑު ނިންމާފައެއް ނުވާނެ. ދައުލަތުގެ މަސްލަހަތު އިސްކުރަން. އަދި މަސްލަހަތު ފުށުއެރުމަކަށް ޖާގައެއް ނުދެން. މަސައްކަތްކުރަނީ ހައްގުތަކުގެ ދިފާއުގައި. އަޅުގަނޑުމެން ވައުދުވީ ހާމަކަމާއެކު އިންސާފު ކަށަވަރުކުރަން"
ރިއްފަތު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ރިއްފަތަށް ތުހުމަތުތަކެއް ކުރައްވާ އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޖީއެމްއާރާއެކު ވެފަައިވާ އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަންގައި ހިންގަމުން ދިޔައިރު ރިފްއަތު ޖީއެމްއާރް ކުންފުނީގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެފަދަ ލަފައެއް ރިއްފަތު އަރުއްވާފައިވާނަމަ އެކަން ސާފުކޮށްދެއްވަންޖެހޭ ކަމަށެވެ.

ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލި މައްސަލައިގައި، ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހުނު ގެއްލުމުގެ ބަދަލުގެ ތެރެއިން، ޓެކްސްގެ ގޮތުގައި 20 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން މީރާއިން ވަނީ ޖީއެމްއާރަށް މިދިޔަ އަހަރު އަންގާފައެވެ. ނަމަވެސް އަދިވެސް އެ ފައިސާ ޖީއެމްއާރުން ދައްކާފައެއް ނުވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރާއި ހަވާލުކޮށްފައި ވަނީ 2010 ވަނަ އަހަރުއެވެ. އެ ކުންފުނިން އެއާޕޯޓް ހިންގަނިކޮށް ނަޝީދުގެ ސަރުކާރު ބަދަލުވެ، އެގްރިމެންޓް ބާތިލުކޮށް އެއާޕޯޓް އަތުލީ 2012 ވަަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ހަސަން މަނިކުގެ ސަރުކާރުގައެވެ.