ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ފަހު، ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އައި ދުވަސްކޮޅު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުވައްޒަފުން ހައިޖެކް ކޮށް ރިޝްވަތު ހުށަހެޅި ކަމަށް އީސީގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، އެ ކޮމިޝަނުގެ މުވައްޒަފުން އަދި މެންބަރުންނަށް ބިރު ދެއްކުމުގެ އަމަލުތަކާއި ނުރައްކާތެރި ހަމަލާތައް އަދި ރިޝްވަތު ދިނުމަށް ބަޔަކު މަސައްކަތް ކުރި ކަމަށާއި އެއީ އޭނާގެ ހަޔާތުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ ބިރުވެރި ދުވަސްތައް ކަމަށެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއަށް ފަހު، އީސީގެ ކޮޓަރިއެއްގައި ހަތަރު ދުވަސް ވޭތުކުރި ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި އެވަގުތުގައި ފުލުހުންގެ ފަރާތުން އީސީގެ މުވައްޒަފުންނަށް އަދި މެންބަރުންނަށް އެތައް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްކޮޅު، އީސީގެ ބައެއް މުވައްޒަފުން ހައިޖެކް ކޮށްގެން އެކި ދިމަ ދިމާލަށް ގެންގޮސްފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން، ބައެއް މުވައްޒަފުންނަށް އީސީގެ ނަމުގައި ގުޅައިގެން ގެންގޮސް، ވަކި ކާރަކަށް އަރުވައިގެން އެކި ތަންތަނަށް ގެންގޮސް، އެ މުވައްޒަފުންގެ އާއިލާއިން އެ މީހުން ގެއްލިގެން އީސީއާށް ގުޅަން ޖެހޭ ހިސާބަށް ވެސް ކަންތައް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހިސާބުން، އީސީއިން މިކަން ތަހުގީގު ކުރުމުން އެނގުނީ އެ މުވައްޒަފުން ގޮވައިގެން ރެސްޓޯރެންޓްތަކަށް ގޮސް، ބިރު ދައްކާ، އެ މުވައްޒަފުންނަށް ގިނަ އަދަދުތަކުން ފައިސާ ހުށަހަޅާފައިވާ ކަމަށެވެ. އަދި މަގުމަތިން ދިމާކޮށް އީސީގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

"ބައެއް ދުވަސް ދުވަހު ކޮމިޝަންގަ ހުރެފަ، ގެއަށްދާ އިރު ގޭ ދޮރު މަތީގަ ތިބޭ ހަތް މީހުން. އަށް މީހުން ސްޓާފޯސްގެ. ދެން އަޅުގަނޑުމެން ފުލުހުންގެ ވެރިންނަށް ގުޅާލީމަ ދަންނަވަނީ އެއީ ތިބޭފުާގެ ސެކިއުރިޓީ ބަލަހައްޓާ މީހުންނޭ. މިއޮތް ބޮޑު އިންތިހާބު ނިމިގެން ދިޔައިރު ވެސް ސެކިއުރިޓީއެއް ނުބަލަހައްޓައޭ އެގޮތަކަށެއް"
އަކްރަމް

އަކްރަމްގެ ވާހަކާގައި އޭނާ ވަނީ އޭރުގެ ފުލުހުންގެ އިސްވެރިޔާ ނަވާޒާއި، ސިފައިންގެ އިސްވެރިޔާ ޝިޔާމްގެ ފަރަތުން ލިބި ދިޔަ އެއްބާރުލުން ފާހަގަކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ވަނީ އީސީގެ މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށާއި، ހައްޔަރު ކޮށްގެން ގެންދިޔަޔަސް އިރުކޮޅަކުން ދޫކޮށްލާނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، މި ދެ ބޭފުޅުންގެ އެއްބާރުލުމަކީ ރައްޔިތުން ބޭނުންވި ނަތީޖާ ފޯރުކޮށްދެވުނު އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ. މީގެ އިތުރުން އަކްރަމް ވިދާޅުވީ، އަމާން އޮމާން ރިޔާސީ އިންތިހާބެއް ގެނެސްދިނީތީ އޭރުގެ ސަރުކާރުން އޭގެ ކްރެޑިޓް ނަންގަވާ، މިހާ އޮމާން އިންތިހާބެއް ގެނެސްދިނީތީ އުފާކޮށް، އީސީއަށް ހެޔޮ ބަސްތަކެއް ލިބޭނެކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. ނަމަވެސް، ކަން ވެގެން ދިޔައީ އެއާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.