ވޯޓާ ވެރިފަޔަބަލް ޕޭޕާ އޮޑިޓް ޓްރެއިލް (ވީވީޕެޓް)އާއި އިލެކްޓްރޯނިކް ވޯޓިން މެޝީންސް (އީއެމްވީޒް)ގެ ނަތީޖާ 100 އިންސައްތަ އަޅާ ކިޔެން ޖެހޭނެ ކަމަށް ބުނެ އާންމު މަސްލަތު އެކުލެވޭ ފަރާތަކުން އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ ކޯޓުން އިންކާރުކޮށްފިއެވެ.

ވީވީޕެޓްއަކީ އިލެކްޓްރޯނިކް މެޝީން ބޭނުންކޮށްގެން ލީ ވޯޓަކީ ހަމަ ހަގީގަތުގައިވެސް އާންމު މީހާ ބޭނުންވި ކެންޑިޑޭޓަށް ލެވުނު ވޯޓެއް ކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އެވަގުތުން ވަގުތަށް ޕުރިންޓުވާ ރަސީދެކެވެ. މި ރަސީދުކޮޅަކީ ވޯޓު ފޮއްޓަށް ވޯޓު ކަރުދާސް ލާ އުސޫލުން އެ ވަގުތުން ވަގުތަށް ފޮއްޓަކަށް ވައްޓާލެވި ސީލްކުރެވޭ ރަސީދުކޮޅެކެވެ.

"ޓެކް4އޯލް"ގެ ނަމުގައި ހަރަކާތްތެރިވާ ޖަމިއްޔާއަކުން ހުށަހެޅި މައްސަލަ ބަލައިގަތުމަށް އިންކާރުކޮށް ފަނޑިޔާރު އަރޫން މިޝްރާ އިސްކޮށް ހުންނަވާ ބެންޗުން ބުނީ މިމައްސަލައަކީ އުއްތަމަ ފަނޑިޔާރު ރަންޖަން ގޮގޯއީ މާ ކުރިން ނިންމަވާފައިވާ ކަމެއް ކަމަށާ، އެކަމަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

އޭޕްރިލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށް ގެންދިޔަ އެ ގައުމުގެ އާންމު އިންތިހާބުގެ ވޯޓު، ބުރާސްފަތި ދުވަހު ގުނަން ފަށާފައިރު ވީވީޕެޓްއާއި އަޅާކިއާ އިލެކްޓްރޯނިކް ވޯޓުގެ އިންސައްތަ 50 އަށް އިތުރު ކުރުމަށް އެދި އިންޑިއާގެ އިދިކޮޅު ސިޔާސީ ލީޑަރުން ތަމްސީލުކުރައްވާ 21 ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށްވެސް އިންޑިއާގެ އޭޕެކްސް ކޯޓުން ވަނީ އިންކާރުކޮށްފައެވެ.

މިފަހަރުގެ އާންމު އިންތިހާބަކީ އިންޑިއާގެ ތާރީހުގައިވެސް އިލެކްޓްރޯނިކް ވޯޓިންގް މެޝިންތަކަށް ބަރޯސާވެގެން ކުރިއަށް ގެންދިޔަ ފުރަތަމަ އިންތިހާބަށްވާއިރު، ކޮންމެ 5 ބޫތަކުން 1 ބޫތުގެ ވޯޓު އަޅާ ކިއުމަށް އިންޑިއާގެ އެންމެ މަތީ ކޯޓުން، އެގައުމުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނަށް ވަނީ އަންގާފައެވެ.

ކަންމިހެން އޮތްއިރު ވޯޓުލުން ކުރިއަށްދިޔައިރު ގިނަ މެޝީންތަކެއްގައި މައްސަލަ ޖެހުނު ކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށް "ޓެކް4އޯލް"އިން ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާގައި ވަނީ ފާހަގަކޮށްފައެވެ. ބައެއް މެޝިންތަކުން ލީ ވޯޓާ ވީވީޕެޓްގެ ރެކޯޑް ދިމާނުވާކަމުގެ ޝަކުވާ ލިބިފައިވާއިރު އެންމެ ބުއްދިވެރި ގޮތަކީ ހުރިހާ ވޯޓެއް އަޅާކިއުން ކަމަށްވެސް މި ޝަކުވާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަޓިކް ހަރަކާތުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ އާންމު އިންތިހާބުގެ 7 މަރުހަލާގެ ވޯޓުލުން ނިމިފައިވާއިރު، ވޯޓު ގުނަން ފަށާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.