އިންސާފަށް ހުރަސް އެޅެނީ ފަނޑިޔާރުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކޮންޓްރޯލް ނެތުމުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ފަހްމީ ވިދާޅުވީ ވެރިކަން ކުރާ ބާރުން ނުވަތަ ސަރުކާރުން އަދުލު އިންސާފަށް ހުރަސް އެޅުން ކަމުގައި ވިޔަސް އަދި އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރަކަށް ހުރަސް އެޅުން ކަމުގައި ވިޔަސް އެއީ ކުށެއް ކަމަށެވެ. އަދި އެގޮތަށް ހުރަސް އެޅުމުގެ ފުރުސަތު އޮންނާނީ ފަނޑިޔާރުންގެ އަމިއްލަ ނަފްސުުގެ މައްޗަށް ކޮންޓްރޯލް ނެތުމުން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

"މިނިވަނެއް ނޫނޭ މި ބުނަނީ އެހެންވެ" އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް މިހެން ވިދާޅުވީ، ކުނޫޒްގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އަދުލު އިންސާފު ގާއިމް ނުވަނީ ކޮންމެ ސަރުކާރަކުން ވެސް ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ކަމަށާއި މިއީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ގާސިމް ވިދާޅުވީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްފައި ވަނީ ވެސް ދައުލަތުން ކޯޓަށް ބާރުފޯރުވައިގެން ކަމަށާއި، އަދުލު އިންސާފު ގާއިމް ނުވަނީ ކޮންމެ ސަރުކާރަކުން ވެސް ކޯޓުތަކަށް ނުފޫޒު ފޮރުވާތީ ކަމަށާއި މިއީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށެވެ.

މީގެ އިތުރުން ގާސިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާއަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވާ ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގާނޫނީ ހަމަތަކުގެ މަތިން ކުރައްވާ ކޮންމެ ކަމަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަރުކާރު ދެމެހެއްޓުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް ވިދާޅުވެފައެވެ.