ވެރިކަން ކުރާ ބާރު ނުވަތަ ސަރުކާރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ހުރަސްއަޅާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކުނޫޒްގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި އަދުލު އިންސާފު ގާއިމް ނުވަނީ ކޮންމެ ސަރުކާރަކުން ވެސް ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ކަމަށާއި މިއީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާއަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވާ ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލްކޮށްފައިވަނީ ވެސް ދައުލަތުން ކޯޓަށް ބާރުފޯރުވައިގެން ކަމަށާއި، އަދުލު އިންސާފު ގާއިމް ނުވަނީ ކޮންމެ ސަރުކާރަކުން ވެސް ކޯޓުތަކަށް ނުފޫޒު ފޮރުވާތީ ކަމަށާއި މިއީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށެވެ.
"ކޮންމެ ސަރުކާރެއް އޮތްނަމަވެސް، ސަރުކާރުގެ އެކި ހިސާބުތަކުން އެކި ކޯޓުތަކަށް ބާރާއި ނުފޫޒު ފޯރުވާ. އެކަމާހެދި އަދުލްއިންސާފު ބަރާބަރަށް ގާއިމް ކުރެވިގެން މި ނުދަނީ. ފަނޑިޔާރުންނަށް ފާޑުފާޑުގެ ނުފޫޒާއި ބާރުވެރިކަން، އެކި ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް ފޯރުވާ ސަރުކާރުގެ ބާރާއި ނުފޫޒުގެ ސަބަބުން" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ވިލާ ކުންފުނީގެ އެކައުންޓް ފްރީޒް ކުރި މައްސަލައާއި ވިޔަފާރީގެ އެގްރީމެންޓުތައް ބާތިލްކޮށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރި މައްސަލަ އަށް އިޝާރާތް ކޮށް ވާހަކަދައްކަވާފައެވެ. ގާސިމް ވިދާޅުވީ ކޯޓު މަރުހަލާތައް ނިމުނު އިރު، ހާމަވިކަމަކީ އެކަންކަމަކީ ސާބިތުނުވާ ކަންކަން ކަމަށެވެ.
ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގާނޫނީ ހަމަތަކުގެ މަތިން ކުރައްވާ ކޮންމެ ކަމަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ސަރުކާރު ދެމެހެއްޓުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ދިބާޖާގެ ޝެއާ ހޯލްޑަރެއްތަ ތިއީ؟؟