މަކަރާއި ހީލަތް ހަދައިގެން ރާއްޖެއަށް ގިނަ އަދަދަކަށް މީހުން އެތެރެ ކުރި ހުރިހާ މީހުން ހޯދާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ ވިދާޅުވީ، މަކަރާއި ހީލަތް ހަދައިގެން ރާއްޖެއަށް މީހުން އެތެރެ ކުރި ހުރިހާ އެންމެން ހޯދާ، އެ މައްސަލަތައް ގުޅުން ހުރި ހުރިހާ މުއައްސަސާ ތަކަށް ހުށަހަޅުއްވާނެ ކަމަށެެވެ. އަދި އިމިގްރޭޝަންގެ އެތެރެއިން ކަމުގައި ވިޔަސް ބޭރުން ކަމުގައި ވިޔަސް އިންސާނީ ވަގުފާރީން ހާމަ ވާނެ ކަމަށެވެ.

އެގޮތުން، އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ 24 މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އިމިގްރޭޝަނުން ބުނީ، ގިނަ މަޝްރޫއުތަކަކަށް ބިދޭސީން ގެނައުމުގައި ސައްހަ ނޫން ލިޔެކިއުންތައް ހުށަހަޅާފައިވުމާއި އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ ކަންތައްތައް ހުރުމާއި ގުޅިގެން އެ މުއްއްސަސާއިން 67 ކުންފުންޏެއް ދިރާސާ ކުރަމުން ދިޔަ ކަމަށެވެ. އިމިގްރޭޝަނުން ބުނީ މީގެ ތެރެއިން 24 ކުންފުންޏެއް ދިރާސާ ކުރުމަށް ފަހު، ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅީ، އިމިގްރޭޝަނުން ލިބެން ހުރި ތަހުގީގަށް ބޭނުންވާނެ ހުރިހާ މައުލޫމާތަކާއި، މި 24 ކުންފުނީގެ އިސްވެރިންނާއި ތުހުމަތު ކުރެވޭ ކަންކަމުގައި ޝާމިލްވާ ހުރިހާ އެންމެންގެ މައުލޫމާތާއި އެކު ކަމަށެވެ.

މީގެ އިތުރުން، މި 24 ކުންފުނީގެ ހިއްސާދާރުންނާއި މައްސަލަތަކާއި ގުޅުން ހުރި، އެންމެހާ ފަރާތްތަކަށް އިމިގްރޭޝަނުން ފޯރުކޮށްދެމުން ދިޔަ ބިދޭސީންނާއި ގުޅުން ހުރި އެންމެހާ ހިދުމަތްތައް މި މައްސަލަތަކުގެ ތަހުގީގު ނިމެންދެން މެދު ކަނޑާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި ފަރާތްތަކުގެ އިތުރުން ބިދޭސީންނާއި ގުޅުންހުރި މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި އިމިގްރޭޝަނުން ދިރާސާ ކުރަމުންދާ އެންމެހާ ކުންފުނިތަކާއި ފަރުދުންގެ މައުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން ބުނީ، އެ މުއައްސަސާގެ މަގްސަދަކީ، އެ މުއައްސަސާއިން ދެމުންގެންދާ ހިދުމަތްތައް ރައްޔިތުން ގަބޫލު ކުރާ ފެންވަރަށް ގެނައުމާއި، ދެފުށް ފެންނާނެހެން ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.