ލަންކާގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ލަންކާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، ތިލަކް މަރަފަނާއި ރާއްޖޭގެ ފޮރިން މިނިސްޓްރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.
ލަންކާގައި ދިރުއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދި މިނިސްޓައު ޝާހިދު، ލަންކާގެ ފޮރިން މިނިސްޓަރު އަރިހުން އެދި ވަޑާއިގަތީ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ޝާހިދުގެ ވާހަކަ ފުޅުގައި އޭނާ ވަނީ، ލަންކާގެ އާމީގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭ ގޮތުންނާއި، ސްރީލަންކާގެ މަސްރަހާއި ގުޅޭ ގޮތުން އަދި ލަންކާއަށް ދިމާވެފައިވާ މިހާލަތުގައި އެގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މި ފޯން ކޯލުގައި، ލަންކާގެ ފޮރިން މިނިސްޓްރު ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ލަންކާގެ މިނިސްޓަރު ތިލަކްގެ ވާހަކަފުޅުގައި ލަންކާގެ އެކި ސަރަހައްދުތަކުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން ހަމަ އެދުވަހު ރައީސްގެ ހައްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަހުމަދު ހަލީލު ފޮނުއްވިކަން ފާހަގަކުރައްވައި އެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށް ޝުކުރު ދެންނެވިއެވެ. އަދި އެހަމަލާތަކަށް ފަހު ލަންކާއަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ގައުމެއްގެ އެންމެ އިސްވެރިޔަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ދެ ފޮރިން މިނިސްޓަރުންގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން އަމާންކަން ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ގައުމުތަކާއި ގުޅިގެން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނެކަމުގެ ޔަގީންކަން ސްރީލަންކާގެ ފޮރިން މިނިސްޓަރަށް މިނިސްޓާ ޝާހިދު މިއަދުވެސް ދެއްވިއެވެ.