މަހިބަދޫ ދާއިރާގެ ކުރީގެ މެންބަރު ރުގިއްޔާ މުހައްމަދު، އެންސްޕާގެ ޑެޕިއުޓީ ސީއީއޯއަކަށް އައްޔަން ކުރައްވައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް އޮފީހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މަހުޖޫބު ޝުޖާއު ހަމަޖައްސައިފިއެވެ.

ރުގިއްޔާ އެންސްޕާގެ ޑެޕިއުޓީ ސީއީއޯއަކަށް އައްޔަންކުރެއްވީ ކޮންއިރަކު ކަމެއް ސާފެއް ނުވެއެވެ. އަދި މަހުޖޫބު އެއާޕޯޓުގެ ތަރައްގީގެ ކަންކަން ބަލަހައްޓަން ރައީސް އޮފީހުގެ ފަރާތުން ހަވާލުކުރިތާ ދުވަސްތަކެއް ވެފައިވާ އިރު، އޭނާއާ މަގާމް ހަވާލުކުރެއްވި ތާރީހެއް ނޭނގެއެވެ. އަދި އޭނާ މަސައްކަތް ކުރައްވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އޮފީހުގައެވެ.

ރުގިއްޔާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތިމާގެ ބޭފުޅެއްގެ އިތުރުން، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އަނބިކަނބަލުންނެވެ.