ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުށް ސާބިތުވެ ޖަލުހުކުމް ތަންފީޒުކުރަމުންދާ މައްސަލައިގެ ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
މިއީ އަދީބުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން 15 އަހަރުގެ ޖަލު ހުކުމެވެ. އަދި މިއީ އަދީބުގެ މައްޗަށް ކޮށްފައިވާ އެންމެ ބޮޑު ހުކުމެވެ. ހައިކޯޓުން މި މައްސަލައިގެ ހުކުމް ބާތިލްކޮށް، އަލުން އެ މައްސަލަ ބެލުމަށް ވެސް ވަނީ އަންގާފައެވެ.
ފިނިފެންމާ މައްސަލައިގައި އަދީބުގެ އިތުރުން އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް މިއަދު ވަނީ ހައިކޯޓުން ބާތިލްކޮށްފައެވެ. އެއީ ހަސަން ރިކާޒާއި އަހުމަދު އާމިރެވެ. ހައިކޯޓުން އަމުރުކޮށްފައިވަނީ ފިނިފެންމާ މައްސަލައިގެ ޝަރީއަތަށް އަދީބު 15 ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށާއި، އެ 15 ދުވަހުގެ ތެރޭގައި ބަންދާމެދު އިތުރުގޮތެއް ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅަންވެސް މިއަދުގެ ޝަރީއަތުގައި ވަނީ އަންގާފައެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި މި މައްސަލައިގައި ކުރިއަށްދާނެ ގޮތާއި މެދު ރައުޔު ތަފާތެވެ. އެގޮތުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔަކީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ހުންނަވަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށެވެ. ނަމަވެސް އަނެއް ދެ ފަނޑިޔާރުން ކަމަށްވާ ސުޖާއު އުސްމާނާއި ހުސައިން ޝަހީދު ބުރަވެވަޑައިގަތީ 15 ދުވަހު ބަންދުގައި ބެހެއްޓުމަށެވެ.
ހައިކޯޓުން މިއަދު އަދީބުގެ ހުކުމް ބާތިލްކޮށް ނެރުނު ހުކުމްގައި ބުނެފައިވަނީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއާ ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަމަށެވެ. އަދި ސުޕްރީމް ކޯޓުން އަމުރުގެ ބޮޑު ބައެއް ބާތިލްކުރިއިރު ވެސް އެ ބައި ބާތިލްކޮށްފައިނުވާކަން ފާހަގަކޮށް، އަމުރުގެ އެ ބައިން ވެސް ބާތިލް ކުރީ ސިޔާސީ ނުވަ މީހުން ވަގުތުން ދޫކޮށްލުމަށް އެންގި ބައިކަން ހުކުމްގައި ފާހަގަކުރިއެވެ.
އަދީބުގެ 15 އަހަރުގެ ޖަލުހުކުމް ބާތިލް ކުރިނަމަވެސް، އޭނާގެ މައްޗަށް އިތުރު ދެ ހުކުމެއް އަދިވެސް އެބަ އޮތެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމަކާއި ހިޔާނާތުގެ ކުށެއް ސާބިތުވެ، އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމެކެވެ.