ދެބަސްވެވެން ނެތް ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި އޮތް އެންމެ ނުފޫޒުގަދަ ގައުމަކީ އިންޑިއާއެވެ. އިގުތިސޯދީ ނަޒަރަކުން ބަލާއިރު ދުނިޔޭގެ 1 ވަނައަށް ވަކާލާތު ކުރަމުންދާ ޗައިނާއާއި އެއް މޭރުމަކުން މި ބައްރަށް އަތްގަދަ ކުރަމުންދާ ގައުމަކީވެސް އިންޑިއާއެވެ. ހިނގަމުން މިދާ ހަފުތާއަކީ މި ސަރަހައްދުގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާއަށް މުހިންމު ހަފުތާއެކެވެ. 7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގެ އެންމެ ފަހު މަރުހަލާގެ ވޯޓުލުން އާދީއްތަ ދުވަހު ނިންމާލާފައިވާއިރު، މިދިޔަ މަހުގެ 11 ވަނަ ދުވަހު ފެށި އިންތިހާބުގެ ނަތީޖާ ލިބޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވޯޓު ދެއްވާފައި/ފޮޓޯ: އެސްސީއެމްޕީ

ގައުމުގެ އެންމެ ބާރުގަދަ މަގާމުގެ ގޮތުގައި ސިފަކުރަމުން އަންނަ ބޮޑުވަޒީރު ކަމުގެ ޒިންމާގައި ދެމި ހުންނަވާނީ މިހާރުގެވެސް ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތޯ ނުވަތަ އެކަމަށް އިސްކުރެވިގެންދާނީ އިންޑީއާގައި 70 އަހަރު ވެރިކަން ކުރި މިހާރުގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީ ތޯ ކުރެވޭ ބަހުސް އަދިވެސް އޮތީ ސުވާލެއްގެ ތެރޭގައެވެ.

މިހާ ހިސާބުން އިތުރު ސުވާލެއް ފެންމަތިކުރަންޖެހެއެވެ. އެއީ އިންޑިއާ ފަދަ ބާރުގަދަކަމެއްގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު، ޚާރިޖީ ގުޅުންތައް ބަދަހި ކުރައްވާނެ ގޮތާ ގުޅޭ ގޮތުން ކުރެވޭ ސުވާލެވެ. މިމައުލޫއަކީ ދެކުނު އޭޝިއާގެ ޑިޕޮލޮމެޓިކް ގުޅުންތައް ދިރާސާކުރަމުންދާ ފަރާތްތަކުގެ މެދުގައި މިހާރު އެންމެ ހޫނުކޮށް ބަހުސްކުރެވޭ މައުލޫވެސް މެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން/ފޮޓޯ: ދި އިކޮނޮމިކް ޓައިމްސް

އިސްތިރާޖީ އަދި ޖިއޮގްރަފީ ގޮތުން ދިވެހިރާއްޖެ އޮންނަނީ އިންޑިއާއަށް އިންތިހާއަށް ބޭނުންތެރި ހިސާބެއްގައެވެ. އިންޑޯ-ޕެސެފިކް ލޭނުން އުޅަނދުފަހަރު ދަތުރުކުރާ މައި މަގުތައް އޮންނަނީ ރާއްޖެ ސަރަހައްދުގައި ކަމުން، ސައިޒުގެ ގޮތުން ދިވެހި ރާއްޖެ ކިތަންމެ ކުޑަވި ކަމުގައި ވީ ނަމަވެސް، ބައިނަލްއަގުވާމީ ރާޑަރުން ކައްސާލާ ވަގުތެއް ނާދެއެވެ.

އިންޑިއާގެ އާ ބޮޑުވަޒީރު މިމަހުގެ 23 ވަނަ ދުވަހު ޔަގީނާ ގާތަށް ކަށަވަރުވާއިރު، ބޮޑުވަޒީރުގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި ފުރަތަމަ ފަހަރަށް ކުރައްވާ ދަތުރުފުޅުގެ މަންޒިލަކީ ވަރުގަދަ މެސެޖެކެވެ. އިންޑިއާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުރަވާ ގޮތުގައި މި މެސެޖު މިފަހަރު ލިބޭނީ ދިވެހިރާއްޖެއަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ވ) އަދި ދިވެހިރާއްޖޭގެ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު/ފޮޓޯ: ނިއްކޭ އޭޝަން ރިވިއު

އިންޑިއާގެ އިސް ޑިޕްލޮމެޓަކު ވިދާޅުވީ ރަސްމީ އިއްޒަތުގައި ލީޑަރަކު ބޭރު ގައުމަކަށް ފުރަތަމަ ކުރައްވާ ދަތުރުފުޅަކީ އެ ލީޑަރެއްގެ ސްކީމްތައް ބައްޓަންވެގެންދާނެ ގޮތުގެ ވަރުގަދަ މެސެޖެއް ކަމަށެވެ. އެއީ އެ ވަޑައިގަންނަވާ ގައުމެއްގެ ލީޑާޝިޕްގެ އިތުރުން އެ ގައުމެއްގެ އާންމު ރައްޔިތުންނަށް އާ ލީޑަރު ދެއްވާ މުހިންމު މެސެޖެއް ކަމަށް އިންޑިއާގެ ޑިޕްލޮމެޓް ވަނީ ސިފަކުރައްވާފައެވެ.

އިންޑިއާގެ ސިޔާސީ މަސްރަހު ދިރާސާކުރާ މުރާސިލުން އިއްތިފާގުވާ ގޮތުގައި، 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި، މޯލްޑިއަން ޑިމިކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދަށް ވެރިކަން ކަށަވަރުކޮށްދިނުމަށް އެންމެ ގަދައަޅާ މަސައްކަތްކުރި ބޭރުގެ ނުފޫޒަކީވެސް އިންޑިއާއެވެ. ނަމަވެސް އެފަހަރުގެ އިންތިހާބުގައި ކަންވެދިޔަ ގޮތުން ގައުމާ ދެން ހަވާލުވި ސަރުކާރުގެ ފިކުރު ބައްޓަންވެގެންދިޔައީ ޗައިނާގެ ނަޒަރުންނެވެ. އިންޑިއާއަށް ފެންނަމުންދިޔައީ އެބައި މީހުންގެ ޒަމާންވީ ހަތުރުގެ ގޮތުގައި އޮތް ޕާކިސްތާނާ ދިވެހިރާއްޖެއާއި ދެމެދު ތާރީހު ނުދެކޭ ފަދަ ވަރުގަދަ ގުޅުންތަކެއް ބަދަހިވަމުންދިޔަ ތަނެވެ. ނަތީޖާއަކަށްވީ މިދިޔަ ނޮވެމްބަރު މަހާ ޖެހެންދެން ފާއިތުވީ 5 އަހަރެއްހާ ދުވަހު އިންޑިއާ އެކަހެރިކޮށް އޮންނަންޖެހުމެވެ.

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ/ފޮޓޯ: ނިއުސްޑް

2018 ވަނަ އަހަރުގެ ނޮވެމްބަރު ދިވެހިރާއްޖޭގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބާއެކު ގައުމު އާ މިސްރާބަކަށް ޖަހާފައިވާއިރު މިކަމުގެ ފައިދާ އެންމެ ފުރިހަމައަށް ނެގުމަށް އަތުކުރިއޮޅާލައިގެން އޮތީވެސް އިންޑިއާއެވެ. އިންޑިއާގެ ސިޔާސަތުތައް އެކުލަވާ ފަރާތްތަކުން ކުރިމަގުގެ ޗާޓުތައް ކުރަހަމުންދަނީ މި ހަމައަށް ފައްތައިގެންކަމީ އެންމެން ދަންނަ ބޮޑު ސިއްރެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި ދިވެހިރާއްޖޭގެ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު/ފޮޓޯ: އޮބްޒާވާ ރިސާޗް ފައުންޑޭޝަން

ނޮވެމްބަރު މަހުގެ އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަކީ އިންޑިއާއަށް ކިހާ މުހިންމު ކާމިޔާބީއެއްކަން ރަމްޒުކޮށްދިން އެންމެ ވަރުގަދަ ހެއްކަކީ، އިބްރާހީމް މުޙައްމަދު ސޯލިހު، ދިވެހި ޖުމްހޫރިއްޔާގެ ރިޔާސީ ހުވާކުރެއްވުމަށް ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުރިއަށް ގެންދިޔަ ޖާއްސަ ޖަލްސާގައި ގައުމެއްގެ އެންމެ ލީޑަރަކަށް ބައިވެރިވެވަޑައިގެންނެވި ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ބައިވެރިވެވަޑައިގެންނެވި ވުމެވެ.

މަހެއްހާ ދުވަސް ފަހުން ފެނިގެންދިޔައީ ރައީސް ސޯލިހުގެ ރަސްމީ ހާރިޖީ ފުރަތަމަ ދަތުރުފުޅު އިންޑިއަށް ކުރެއްވި މަންޒަރެވެ. އޭގެ ފަހުން، ކުރީގެ ރައީސް ނަޝީދުވެސް އިންޑިއާއަށް ވަޑައިގެން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި ދިވެހިރާއްޖޭގެ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު/ފޮޓޯ: ޑެކަން ހެރާލްޑް

އިންޑިއާގެ ސިޔާސީ މުރާސިލުންނާ ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ކަމުގެ އާ ދައުރުގެ ފުރަތަމަ ރަސްމީ ހާރިޖީ ދަތުރު ރޭވެމުންދަނީ ދިވެހިރާއްޖެއަށެވެ. މި ރޭވުންތަކުގައި ބޮޑުވަޒީރުގެ ތަސްވީރުގައި ބޭނުންކުރަމުންދަނީ މޯދީގެ ފޮޓޯފުޅެކެވެ. މި ދަންނަވަނީ މިފަހަރުގެ އިންތިހާބު މޯދީ ކާމިޔާބު ކުރައްވާނެކަމަށް ބައްލަވައިގެން އިންޑިއާގެ ސިޔާސީ ކުޅިގަނޑު ރޭވިގެންދާ ގޮތުގެ ވާހަކައެވެ.

އިންޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި މިހާރު ހަމަނުޖެހި އޮތީ ބޮޑުވަޒީރު ކަމުގެ އާ ދައުރުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނެ ތާރީހެކެވެ. މި ތާރީހު ކަނޑައެޅިގެންދާނީ އާދީއްތަ ދުވަހު ނިންމާލި އާންމު އިންތިހާބުގެ ނަތީޖާ ލިބި، ގާނޫނު ހަދާ މަޖިލީހުގެ އާ ދައުރު ފެށި، ސަރުކާރު އެކުލެވޭ ހިސާބުންނެވެ.

މީގެ އަނެއްކޮޅުވެސް އެބައޮތެވެ. އިންޑިއާގެ ބޮޑުވަޒީރު ކަމުގެ އާދައުރަކާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކަށް ރާއްޖެ މާ މުހިންމު ނުވުމުގެ ފުރުސަތުވެސް އެބައޮތެވެ.