ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ސިޔާސީ މަގުސަދުތައް ހާސިލް ކުރެއްވުމަށް ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ދޮގު ވާހަކަ ދައްކަވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީން ބުނީ، އަދުރޭ އާއި އާރިފް ދައްކަވާފައިވާ ވާހަކަތަކަށް ބަލާ، ތަހުގީގު ކުރުމަށް އެ ކޮމިޝަނަށް ހާޒިރު ކުރުމުން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިއްބަވައި އެކަށީގެންވާ މިންވަރަށް މައުލޫމާތު ހޯއްދެވުމެއް ނެތި، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް އެ ދެ ބޭފުޅުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި މި ވާހަކަތަކަކީ ޒިންމާދާރުކަން ކުޑަގޮތެއްގައި ދައްކަވާފައިވާ ވާހަކަތަކެއް ކަން ފާހަގަ ކުރެވުނު ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ވަނީ ރައްޔިތުންގެ އިތުބާރު ހިފޭ މިފަދަ މަގާތަކުގައި ތިއްބަވާ ފަރާތަކުން ދައްކަވާ ވާހަކަތަކީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް އަދި ސިޔާސީ ގޮތުން ވަކި ފާއިދާ އެއް ހާސިލްކުރެއްވުމަށް ދައްކަވާ ވާހަތަކަކަށް ނުހެދުމަށާއި ޒިންމާދާރުކަމާއެކު ވާހަކަ ދެއްކެވުމަށާއި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ނުދެއްކެވުމަށް އެ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭސީސީން ވަނީ ތަހުގީގުތަކެއް ކޮށްފައެވެ. އެމްއެމްޕީއަރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު އެމްޑީޕީގެ މެންބަރުންގެ ލިސްޓް އެނގިވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވި އިރު، މި ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ލިބިވަޑައިގެންނެވި ކަމަށް އާރިފް ވަނީ ކުރިން ވިދާޅުވެފައެވެ. މި ދެ މެންބަރުން މި މޭރުމުން ވާހަކަ ދެއްކެވުމާއި ގުޅިގެން އޭސީސީން ހިންގި ތަހުގީގުން އެ ކޮމިޝަނަށް އެނގުނު ގޮތުގައި އެއީ، ރައްޔިތުންނަށް އޮޅޭނެހެން ސިޔާސީ މަގުސަދެއްގައި މި ދެ މެންބަރުން ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ ކޮން ބަޔަކަށްކަމެއް އަދި އެ ފައިސާ ކަނޑައެޅިގެން ވަކި ބަޔަކަށް ލިބުނުކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން މި ދެ މެންބަރުން އޭސީސީއަށް ހާޒިރު ކުރުމުން އެ މެންބަރުން ވަނީ ފައިސާ ލިބުނު ބަޔަކު ނޭނގޭ ކަމަށް ބުނެފައެވެ. އަދި އާންމުކޮށް ސިޔާސީ މަޝްރަޙުގައި އެހެން މީހުން ވެސް ވާހަކަ ދައްކަނީ ހަގީގަތް ބަލައިގެން ނޫންކަމަށާއި ސިޔާސީގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެކަމަށް ބުނެފައި ވެއެވެ. އަދި މި މެންބަރާއި ހަވާލާދީ އޭސީސީން ބުނީ ހިޔާނާތުގެ ފައިސާ ބެހި ވާހަކަ އެ މެންބަރަށް އަޑުއިވުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށާއި، އެ ވާހަކަ ދެއްކީ ސީދާ ކާކުކަމެއް ނުވަތަ ވާހަކަ ދެއްކި އިރު ސީދާ ވަކި މީހަކަށް ފައިސާ ލިބުނުކަމަށް ފާހަގަކުރިކަމެއް ބުނެދޭން ނޭނގޭ ކަމަށެވެ. މީގެ އިތުރުން އޭސީސީގެ ތަހުގީގަށް އެނގުނު ގޮތުގައި މި މެންބަރުން ވާހަކަ ދައްކަވާފައިވަނީ އެކިއެކި މީޑިޔާތަކުގައާއި އެކިއެކި މަރުޙަލާތަކުގައި މީހުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ސިޔާސީ ގޮތުން ކަމަށް އޭސިސީ އިން ބުނެއެވެ.