9 އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައިގައި ތުހުމަތު ކުރެވެނީ އޭނާގެ ދެ ބޭބެއަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މަހު 10 ވަަނަ ދުވަހުގެ ރޭ 10:40 ހާއިރު އުމުރުން 9 އަހަރުގެ ކުޑަ އަންހެން ކުއްޖަަކަށް ޖިންސީ ހާނިއްކަ ލިބޭ ކަމަށް އަތޮޅު ތެރެއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފުލުހުން ހިންގި ތަހުގީގުން މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ އަންހެން ކުއްޖާގެ ދެ ބޭބެއަށް ކަމަށާއި އެއީ އުމުރުން 13 އަހަރާއި 16 އަހަރުގެ ދެ ކުދިން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ފެމިލީ، ޗައިލްޑް، އެންޑް ސޯޝަލް ސާވިސަސް ސެންޓަރާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއަދު ބައެއް މީޑިއާތަކުން، 9 އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި ކަމަށް ބުނެ ރިޕޯޓްކޮށްފައި ވެއެވެ. އެ މީޑިއާތަކުން ބުނީ، 9 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރީ އެކުއްޖާގެ މަންމަގެ ލޯބިވެރިޔާ ކަމަށާއި އަދި މި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީން އެ ކުއްޖާ، މަންމަގެ އަތުން އަތުލާފައިވާ ކަމަށް ވެއެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ މިނިސްޓްރީން ބުނީ، 9 އަހަރުގެ ކުއްޖަކަށް މަންމަގެ ލޯބިވެރިޔާ ރޭޕްކުރި މައްސަލައާއި 9 އަަހަރުގެ ކުއްޖަަކަށް އޭނާގެ ދެބޭބެ ޖިންސީ ގޯނާކުރި މައްސަލައަކީ ދެ މައްސަލައެއް ކަަމަށެވެ. އެގޮތުން 9 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެއެވެ. ނަމަވެސް މި މަހުގެ 10 ވަނަ ދުވަހު ކުޑަކުއްޖަކަށް އޭނާގެ ދެބޭބެ ޖިންސީ ގޯނާކުރި މައްސަލަވަނީ އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައި ކަމަށާއި މިހާރު އެކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ގެންދެވިފައި ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ މައްސަލައެއް ކަމަށެވެ.