ރުއްގަސް ގަވާއިދު އިސްލާހު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.

އެންވަޔަރަމެންޓް މިިނިސްޓްރީން، ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާއި ބެހޭ ގަވާއިދަށް އިސްލާހު ގެނައުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ފޯރަމެއް ބޭއްވުމަށް ވަނީ ނިންމާފައެވެެ. އަންނަ އަންގާރަ ދުވަހުގެ ރޭ 9:30 އިން ފެށިގެން 11:30 އާ ހަމައަށް ބާއްވާ މި ފޯރަމް އޮންނާނީ ސަލްޓަން ޕާކް (އެންފިތިއޭޓާ) ގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ޓްވިޓާގެ ޒަރިއްޔާއިން އާންމުންނަށް ދައުވަތު އެރުވުމުގެ ގޮތުން އެންވަޔަރަމެންޓް މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވަނީ ޓްވީޓެއް ކުރައްވާފައެވެ. މި ޓްވީޓަށް ކޮމެންޓް ކޮށް، އާންމު މީހަކު ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ނޫން ތަންތަނުގައި ފޯރަމް ބޭއްވުމުގެ ހިޔާލު އެ މިނިސްޓްރީން ގެންގުޅޭތޯ އަހާ ސުވާލުކޮށްފައެވެ.

އެގޮތުން، އައްޑޫ ހިތަދޫގައި އަލުން ތަރައްގީ ކުރަމުން އަންނަ ސިޓީ ސްކެއާގައި ހުރި ރުއްތަކެއް ކަނޑާލި މައްސަލައެް ވަނީ މިދިޔަ ހަފްތާ ތެރޭގައި ފެންމަތިވެފައެވެ. އެ ސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ރުއް ކަނޑާލުމުން އެކަމަށް ފާޑު ކިޔައި އަދި ކަންބޮޑުވުން ފާޅުކޮށް އެކަމަަށް ގިނަ އަދަދެއްގެ އާންމުން ބައެއް ދަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. މިކަމާއި ބެހޭ ގޮތުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ބުނީ މި ރުއްތައް ނަގަން ހުއްދަ ދިނީ، އެ ރުއްތައް އެހެން ސަރަހައްދެއްގައި އިންދަން ޝަރުތުކޮށްފައި ކަމަށެވެ.