އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކުރިއަށް އޮތް މުސްތަގުބަލުގައި ފޯރުކޮށްދޭނެ ކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު މަލީހް ދެއްވި ހިތާބުގައި ވިދާޅުވީ، އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި މުސްތަގްބަލުގައި ފޯރުކޮށްދިނުމަކީ ކޮމިއުނިކޭޝަން މިނިސްޓްރީގެ އަމާޒެއް ކަމަށާއި ރާއްޖޭގެ އިންޓަނެޓް ގެ ހިދްމަތުގެ އަގު ހެޔޮކޮށް ރައްޔިތުންނަށް އިންޓަނެޓް ގެ އެންމެ އެދެވޭ ފައިދާ ހޯދާދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ތައުލީމީ މަންހަޖްގައި އައިސީޓީ އަށް އިސްކަންދީ މިރޮގުން ދަރިވަރުން ބާރުވެރި ކުރުމައީ އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަލީހް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކޭވެސް އެއްފަދައިން ރާއްޖޭގައިވެސް މުވާސާލާތީ ހިދުމަތްތަކުގެ ބޭނުން ހިފާ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނަށް 4ޖީ ގެ ހިދްމަތް ފޯރާފައި ވާއިރު، ހިދްމަތް ފޯރުކޮށްދޭ ދެ ކުންފުނިންވެސް މިހާރު ދަނީ އެންމެ ޒަމާނީ 5ޖީ ޓެކްނޮލޮޖީގެ ހިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތްތައް ކުރަމުން ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަލުވި ދުވެއްޔެއްގައި ޕްރައިވެޓް ސެކްޓަރުގައި ޓެކްނޮލޮޖީގެ އިޖާދުތައް ބަލައިގަނެ އޭގެ ލުއި ފަސޭހަކަން ރައްޔިތުންނަށް ފޯރުކޮށްދެމުން ދާއިރު، ސަރުކާރުން ދެމުންދާ ހިދުމަތްތައް ދެމުންދާ ގޮތަށްވެސް ބަދަލުތައް ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، ސަރުކާރާއި ކޮމިއުނިކޭޝަން މިނިސްޓްރީގެ އަމާޒަކީ ޒަމާނީ ބަދަލާއެކު އީ-ގަވަމަންޓް ނިޒާމުގެ ތެރެއިން، އޮންލައިންކޮށް ފަސޭހަކަމާއިއެކު ބޭނުންވަގުތަކު، ބޭނުންތާކު ހުރެގެން، ކިއުގާ ނުޖެހި، ކަރުދާހަށް ބަރޯސާވުންކުޑަކޮށް، ދެފުއްފެންނަ އިންސާފުވެރި ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތް ހަދާދިނުން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ނުރަނގަޅު ފަރާތްތަކެއް އުޅޭ ކަމަށާއި އިންޓަނެޓަކީ، ތައުލީމު އުނގެނުމުގަ ބޭނުންވާ މައުލޫމާތު ލިބިގަތުމަށް މުހިންމު ވަސީލަތެއް ކަމަށެވެ. އަދި އިންޓަނެޓް ބޭނުންކުރަމުންދާ ކުދިންގެ ބެލެނިވެރިން، އެކުދިން އިންޓަނެޓްގެ ބޭނުން ހިފާގޮތް ގާތުން ބެލުމުގެ މުހިންމުކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުންވެސް އިންޓަނެޓްގެ ޒަރިއްޔާއިން މަކަރާއި ހީލަތް ހަދާ ފަރާތްތަކުގެ އަމަލުތަކަށް ހުރިހާ ރައްޔިތުންވެސް ރައްކާތެރިވެ ތިބުމައް ނަސޭހަތްތެރިވަމުން މިނިސްޓަރު މަލީހް ވިދާޅުވީ ޒާތީ މައުލޫމާތު، ޔަގީންނުވާ ފަރާތްތަކަށް ފޯނުންވިޔަސް، އިންޓަނެޓުންވިޔަސް ހިއްސާ ނުކުރުމަށެވެ.

އެގޮތުން، ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ، އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާގައި އިންޓަނެޓާއި އަދި މިނޫންވެސް އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީތަކުގެ ދައުރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމައުތަކުގެ މެދުގައިވާ ޑިޖިޓަލް ފަރަގު ކުޑަކުރެވޭނެ މަގުތައް ދެނެގަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓަރު ވަނީ މި ދުވަހުގެ ޝިއާރު ކަމަށް ވާ "ބްރިޖިން ދަ ސްޓެންޑަޑައިޒޭޝަން ގެޕް" ފާހަގަ ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މި ޝިއާރަކީ އައިސީޓީގެ ބައިނަލް އަގްވާމީ މިންގަޑުތައް ކަނޑައެޅުމުގައި އައިޓީޔޫ އިން އަދާކުރާ ރޯލް ފާހަގަ ކުރުމާ، ދެމެހެއްޓެނެވި ތަރައްޤީގެ ލަޑުދަނޑިތައް ހާސިލުކުރުމަށް އައިސީޓީ ވަސީލަތްތައް ބާރު ސްޕީޑްގައި ތަރައްގީ ކުރުމުގައި މިފަދަ މިންގަޑުތަކުގެ މުހިއްމުކަމަށް ގޮވާލާ ޝިއާރެއް ކަމަށެވެ.