ހައި އެޗީވާސް ސްކޮލަޝިޕުގައި އޯއީސީޑީ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު ގެއްލިފައިވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސްގެ ތަރުޖަމާނު ހޫދު އިބްރާހިމް ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު ރައީސް ވެވަޑައިގަތް ވައުދުފުޅާ އެއްގޮތަށް އެ ފުރުސަތު ގެއްލިފައިވާ ދަރިވަރުންނަށް އޯސީޑީ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު މިހާރު ލިބޭނެ ކަމަށެވެ.

2017 ވަނަ އަހަރު އޭލެވެލް އިމްތިހާނު ފުރިހަމަ ކުރި ދެ ބެޗުގެ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޮލާޝިޕް ލިބިފައި ވަނީ 79 ދަރިވަރުންނަށެވެ. ނަމަވެސް މިދަރިވަރުންނަށް އޯއީސީޑީ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

އެގޮތުން މި ފުރުސަތު ގެއްލިފައިވާ ދަރިވަރުންގެ ތެރެއިން ޝައުގުވެރިވާ ދަރިވަރުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ސްކޮލާޝިޕް ސެކްޝަނަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފޯމް ހުށަހެޅުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ އަންގާފައެވެ.

ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަ އެ ސްކޮލަޝިޕުގައި ކުރިން ކިޔެވެނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ.

އޯއީސީޑީ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ނިއުޒިލެންޑް އަދި ފިންލެންޑް ފަދަ ތައުލީމީ ގޮތުން ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތައް ހިމެނެއެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތު ހަމަވިއަސް އެ ފުރުސަތުގައި ކިޔެވޭނީ، ސްކޮލަޝިޕުގައި ކިޔެވުމަށް މިނިސްޓްރީން ހުޅުވާލާ މުއްދަތުގައި ކުރިމަތިލާ ދަރިވަރުންނަށް އެކަންޏަށެވެ.