ސަރުކާރަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތަކަސް ދިވެހި ރާއްޖޭގެ ކޯޓުތަކަށް ބޭނުންހާ ގޮތެއް ނުހެދޭނެ ކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައްޔިތުން މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވާހަކަ ދައްކަވައިފިއެވެ.
އަލްހާން ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ދިވެހިރާއްޖޭގެ ކޯޓުތަކަކީ ސަރުކާރުން ހިތުހުރިހާ ގޮތަކަށް ޖަހާ ބޯޅަގަނޑަކަށް ހަދައިގެން ނުވާނެ. މެޖޯރިޓީ އޮތަކަސް ހަބަރުދާރު" މިހެންނެވެ.
މި މޭރުމުން އަލްހާން ޓްވީޓު ކުރައްވަވާފައި ވާއިރި އަލްހާން ވަނީ ދީބާޖާ މައްސަލައިގައި ރައީސް އޮފީހުގެ ލީގަލް ޑިރެކްޓަރު އަބްދުﷲ އަފީފާއި، އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިއްފަތް، ރިސްވަތު ހޯއްދަވަން އުޅުއްވި ކަމަށް ތުހުމްތު ކުރައްވައިފައެވެ. މި ފަދަ ތުހުމަތެއް އޭނާ ކުރައްވައިފައިވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭޖީ ރިއްފަތަކީ އެމަނިކުފާނުގެ ނަޒަރުގައި ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ ރިއްފަތަށް ތައުރީފް ކުރައްވައިފައެވެ.
އަލްހާން ފަހުމީގެ އިންޒާރު ސަރުކާރަށް އަމާޒު ކުރެއްވީ ކޯޓުތަކުގެ މަރުހަލާތަކުން ދީބާޖާ ކުންފުންޏަށް ބަދަލުގެ ގޮތުގައި ނަގައިދިން 348 މިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބަޔަށް ވާ 174 މިލިއަން ރުފިޔާ އަލްހާންގެ މަސްލަހަތު އޮންނަ ލޯ ފާމަކަށް ދޭން ދީބާޖާއާި ލޯފާމާ ދެމެދު ވެފައިވާ އެއްބަސްވުމެއް އާންމު ވުމާ ގުޅިގެން އެމައްސަލަ އަލުން މުރާޖައާ ކުރަން އެތައް ބަޔަކު ގޮވަމުން ދާ ދަނޑިވަޅެއްގައެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ މައްސަލައިގައި 174 މިލިއަން ލޯ ފާމަށް ދޭން އެއްބަސް ވުމުން ދީބާޖާއަށް އަސްލު ލިބުނު ގެއްލުމުގެ ބަދަލުގެ އަގާ މެދު ސުވާލު އުފެދެއެވެ.
ދީބާޖާ އަކީ އުތުރު ޕްރޮވިންސަކަށް ދަތުރު ފަތުރުގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި އުފަން ކުރި ކުންފުންޏެކެވެ. އޭރު އެކުންފުންޏަށް ދެ ރަށެއްވެސް ވަނީ ދީފައެވެ. އެހެނަސް އޭރު އެކުންފުނިން ދަތުރު ފަތުރަށް ގެންގުޅުނީ އެންމެ ދޯންޏެއްކަން ފާހަގަ ކުރެވެއެވެ.