ދައުލަތުން ދައުވާ ކުރާ މައްސަލަތަކުގައި ސްޓޭންޑް ބަދަލުކޮށްފި ނަމަ، ހައިކޯޓުން ފިޔަވަޅު އަޅާނެކަމަށް ނުބުނެވޭނެ ކަމަށާއި، އެއް ކޯޓެއްގައި ދެ ސްޓޭންޑެއް ނަގާފައި ނުވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
ޕީޖީ ބިޝާމް މިހެން ވިދާޅުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި، ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވި ސިފައިންގެ ކުރީގެ މީހުންގެ ތެރެއިން އެކަކުގެ އިސްތިއުނާފް ޝަރީއަތުގައި، އިސްތިއުނާފް މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާނަމަ އެކަމަކީ ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް އެކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ބިޝާމް ވިދާޅުވީ ފަނޑިޔާރު ނިޔާޒް އިންޒާރުދެއްވި ޝަރީއަތުގައި އެފަދަ ކަމެއް ހިނގާފައި ނުވާކަމަށާއި، އެއް ކޯޓެއްގައި ދެފަހަރު ގޮސް ސްޓޭންޑް ބަދަލުކޮށްފައި ނުވާނެކަމަށެވެ. އަދި ގާނޫނު އަސާސީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގައި ދައުވާކުރަން ނިންމާ ނިންމުން އަނބުރާ ގެނައުމާއި އެނިންމުމެއް ބަދަލުކުރުމާއި ރިވިއުކުރުމުގެ ވާހަކަ ސަރީހަ އިބާރާތުން ލިޔެފައި ވާކަމަށާއި އެހެންކަމުން އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ގަބޫލު ކުރައްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.
"ޝަރިއަތްތައް ފޮލޯ ކުރައްވާ ކަމަށް ވާނަމަ ގިނަ ފަހަރު އަޅުގަނޑުމެން ނަގާފައި ހުންނަ ސްޓޭންޑްތައް މަތީ މަރުހަލާގެ ކޯޓުން އެއަށް ގޮތް ނިންމެވީމަ ހުންނާނެ ދަށު ކޯޓްތަކުގައިވެސް އެބާވަތުގެ މައްސަލަތަކުގައި ގޮސް އެސްޓޭންޑްތަކާ އެއްގޮތަށް ވަކާލަތުކޮށްފައި. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު އަޅުގަނޑުގެ ސްޓޭންޑް ރީޒަނެއް ނެތި ބަދަލު ކުރަނީއެއް ނޫން. ރީޒަންސައާއެކު ގްރައުންޑްސްއާއެކު ބަދަލުކޮށްފައި ހުންނާނީ" ޕީޖީ ވިދާޅުވިއެވެ.
ބިޝާމް ވިދާޅުވީ ބަންޑާރަ ނައިބު މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނެރުއްވާފައިވާ ޕްރޮސެކިއުޝަން ގައިޑް ލައިނާ ގުޅިގެން، ކުރިން ބައެއް މައްސަލަތަކުގައި އަމަލުކުރަމުންދިޔަ ގޮތް އެގައިޑްލައިނާ އެއްގޮތް ކުރުމަށް ވެސް، ސްޓޭންޑް ބަދަލު ކުރައްވައިފައި ވާނެ ކަމަށާއި، މިހާތަނަށް ސްޓޭންޑް ބަދަލު ކުރައްވާފައިވާ ނަމަ، އެ ސަބަބެެއް ކޯޓުތަކުގައި ހާމަ ކުރައްވާފައި ވާނެ ކަމަށެވެ.
"ހަމަ ހުންނަވާފައި ސްޓޭންޑް ބަދަލުކޮށްފައި ނުވާނެ. ދައުވާކުރަން ނިންމާ ނިންމުން އަނބުރާ ގެނައުމާއި އެނިންމުމެއް ބަދަލުކުރުމާއި ރިވިއުކުރުމުގެ ވާހަކަ ސަރީހަ އިބާރާތުން ލިޔެފައިވާނެ. އެހެންކަމުން އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް" ޕީޖީ ބިޝާމް ވިދާޅުވިއެވެ.
ޕީޖީ އޮފީހުން ސްޓޭންޑް ބަދަލުކުރި ބައެއް ބޮޑެތި ކޭސްތަކުގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލައިގައި ޕީޖީގެ ސްޓޭންޑް ވަނީ ފަހުން ބަދަލުކޮށް އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ. މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމަކީ ނާޒިމަށް ކޮށްގެންވާނެ ހުކުމެއް ނޫންކަމަށް ޕީޖީން އެއްބަސްވެ އެ ހުކުމްވެސް ސުޕްރީމް ކޯޓުން ބާތިލް ކުރިއެވެ.
ޕީޖީއަށް އިންޒާރު ދެއްވި ޝަރީއަތުގެ އަޑު އެހުމުގައި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވެފައިވަނީ މައްސަލަތަކުގައި ދަށު ކޯޓުގެ ނިންމުން ދިފާއު ކުރުމަށްފަހު، އިސްތިއުނާފް މަރުހަލާތަކުގައި ދަށު މަރުހަލާގެ ކޯޓުގެ ނިންމުން ގޯސް ކަމަށް ބުނެ ދައުލަތުގެ ސްޓޭންޑް ބަދަލު ކުރަމުން ދާކަމަށެވެ. އަދި އެގޮތަށް ސްޓޭންޑް ބަދަލު ކުރާ ނަމަ އެއީ ޕީޖީ ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށާއި، ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.