ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަަލައިގެ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވުމުން އެ މައްސަލަ ޝަރީއަތް ގެންދަން ނިންމައިފިއެވެ.

ސިސިލްފަރު ގްރޫޕުން، އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓައިށް މައްސަލަ ހުށަހެޅީ އިސްލާމިކް މިނިސްޓްރީން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނީ އިންސާފު ވެރިކަމާ އެކު ނޫން ކަމަށް ބުނެއެވެ. ސިސިލްފަރުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ މި މައްސަލަ ޑިސްޕިއުޓް މަރުހަލާގައި ހައްލު ނުވެ، ޝަރީއަތް ކުރަން ނިންމާފައިވާ ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވި އިރު، ސިސިލްފަރު ގްރޫޕަކީ 35 އަހަރު ވާންދެން މީހުން ހައްޖަށް ގެންދިޔަ ކުންފުންޏެއް ކަމުގައި ވިޔަސް، ތަޖުރިބާ އަށް އެ ކުންފުންޏަށް ލިބިފައިވަނީ އެންމެ 0.7 ޕަސަންޓު މާކްސްއެވެ. ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން ޕްރޮސެސް ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެއެވެ.