ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަަލައިގެ ޑިސްޕިއުޓް މަރުހަލާ މިއަދު ފަށައިފިއެވެ.

ސިސިލްފަރު ގްރޫޕުން، އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓައިށް މައްސަލަ ހުށަހެޅީ އިސްލާމިކް މިނިސްޓްރީން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނީ އިންސާފު ވެރިކަމާ އެކު ނޫން ކަމަށް ބުނެއެވެ. މި މައްސަލައިގެ ޝަރީއަތް ފަށާނީ ޑިސްޕިއުޓް މަރުހަލާގައި ސުލްހަވެރި ހައްލެއް ނުލިބިއްޖެ ނަމައެވެ.

އެގޮތުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވި އިރު، ސިސިލްފަރު ގްރޫޕަކީ 35 އަހަރު ވާންދެން މީހުން ހައްޖަށް ގެންދިޔަ ކުންފުންޏެއް ކަމުގައި ވިޔަސް، ތަޖުރިބާ އަށް އެ ކުންފުންޏަށް ލިބިފައިވަނީ އެންމެ 0.7 ޕަސަންޓު މާކްސްއެވެ. ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން ޕްރޮސެސް ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ ހައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރި ކޮމެޓީގެ ރިޕޯޓް ގައި ކުންފުނިތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލު ހިމަނާފައިވެއެވެ. އެގޮތުން، ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ހުޅަހަޅާ، ބާތިލް ކޮށްފައިވާ ޕްރޮޕޯސަލްތައް ބާތިލް ކުރި ސަބަބު ވެސް ބަޔާން ކޮށްފައިވެއެވެ. އަދި އިވްލުއޭޓް ކުރި ކުންފުނިތަކަށް ޕޮއިންޓް ލިބުނު ގޮތްވެސް އެ ރިފޯޓްގައި އާންމު ކޮށްފައިވެއެވެ.