ވަޓްސްއެޕް މެސެޖިންގް އެޕްލިކޭޝަން ޑައުންލޯޑްކޮށްފައިވާ މޯބައިލް ފޯނުތަކަށް، ހެކަރުން ކާމިޔާބުކަމާއެކު ސާވޭލަންސް ސޮފްޓްވެއާ އިންސްޓޯލް ކުރުމުގެ ފުރުސަތު ފަހިވެފައި ވާކަމަށް ފޭސްބުކް ކުންފުނިން ހިންގަމުންދާ ވަޓްސްއެޕްއިން އިއުތިރާފުވެއްޖެއެވެ.
މަތީ ފަންތީގެ ހެކަރުންތަކެއް ރޭވައިގެން ދިން މިހަމަލާ އަމާޒުކުރީ ވަޓްސްއެޕްގައި އިންނަ "ސިލެކްޓް ނަމްބާ" ފަންގްޝަންއަށެވެ.
ފައިނޭންޝަލް ޓައިމްސްއިން އާންމުކޮށްފައިވާ ރިޕޯޓެއް ބުނާ ގޮތުގައި، މި ހަމަލާއަކީ އިސްރާއީލުގެ ސަލާމަތާ ބެހޭ ކުންފުންޏެއް ކަމަށްވާ އެން.އެސް.އޯ ގުރޫޕުން ދިން ހަމަލާއެކެވެ.
ހެކަރުން ހަމަލާއިން ކަސްޓަމަރުން ސަލާމަތްކުރުމަށް ކުރަންޖެހޭ ކަންކަން މިދިޔަ ހުކުރު ދުވަހުކޮށްފައިވާނެ ކަމަށާ، ނަމަވެސް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މޯބައިލް ފޯނުގައި ވަޓްސްއެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކުން އެ އެޕްލިކޭޝަން އަޕްޑޭޓުކުރުން ބުއްދިވެރިކަމަށްވެސް ވަޓްސްއެޕުން ވަނީ ބުނެފައެވެ.
ވަޓްސްއެޕް ބޭނުންކުރާ 1.5 ބިލިއަން ޔޫޒާ އެކައުންޓްސް މިހާރުވެސް އޮތްއިރު، ހެކަރުން އެންމެ ފަހުން ދިން ހަމަލާ ފާހަގަވާންފެށީ މިހިނގާ މޭ މަހުގެ ކުރީކޮޅުއެވެ.
ވަޓްސްއެޕްއިން ވަކާލާތުކުރާ ގޮތުގައި ވަޓްސްއެޕަކީ ހުރިހާ ކޮޅަކުން މައުލޫމާތާ މެސެޖު އެންކްރިޕްޓް ކުރެވިފައިވާ ޚިދުމަތެކެވެ. ނަމަވެސް އިސްރާއީލުގެ ހެކަރުން ދިން ހަމަލާއާއިއެކު، ވަޓްސްއެޕުން ބަދަލުކުރި މެސެޖުތަކުގައިވާ މައުލޫމާތާ މެސެޖުތައް ކިއުމުގެ ފުރުސަތު ހެކަރުންނަށް ފަހިވިއެވެ.
ބެލެވޭ ގޮތުގައި މި ހަމަލާއަކީ ނޫސްވެރިންގެ އިތުރުން ގާނޫނީ ވަކީލުންނާ އިންސާނީ ހައްގުތަކަށް ވާކާލާތުކުރާ އެކްޓިވިސްޓުންނަށް އަމާޒުކޮށްގެން އިސްރާއީލުން ހެކަރުންތަކެއް ދިން ހަމަލާއެކެވެ.
މި ހަމަލާ އަމާޒުވީ ކޮންބަޔަކަށް ކަން ވަޓްސްއެޕްއިން އަދި ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، އެބުނާ އުސޫލުން އެޕްލިކޭޝަން އަޕްޑޭޓްކުރުމުން ހެކަރުން އިންސްޓޯލުކުރި ސްޕައިވެއާ ނައްތާލެވޭކަން ނުވަތަ ނޫންކަންވެސް އަދި ކަށަވަރެއް ނުވެއެވެ.