ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި، ގާނޫނުގައި ބުނާ މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާ މެދު ދައުވާކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އީސީގެ ތަރުޖަނާމު އަހުމަދު އަކްރަމް ވިދާޅުވީ ޕީޖީއަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލާފައިވަނީ، އީސީން ފޮނުވި ރިޕޯޓުގައި އިތުރަށް ބަލައި ތަހުގީގު ކުރަންޖެހޭ ކަންތައްތައް ހުރުމުން ކަމަށެވެ. އަދި ފުލުހުންނާއި ގުޅިގެން އެކަން ކުރިއަށް ގެންދާ ކަމަށާއި، ރިޕޯޓް ފުރިހަމަ ކުރުމަށްފަހު އަލުން ޕީޖީއަށް ރިޕޯޓު ފޮނުވާނެކަމަށެވެ.

"ފޮނުވި ރިޕޯޓުގައި ކެންޑިޑޭޓުންގެ ބަޔާން ހިމަނާފައިނުވޭ. ދެން ފުލުހުންނާއި ގުޅިގެން އެ މަސައްކަތް މިހާރު ކުރަމުން މިދަނީ. ބަޔާން ނެގުމަށްފަހު ވީހާވެސް އަވަހަކަށް ޕީޖީއަށް އެ ރިޕޯޓު ފޮނުވާނަން" އަކްރަމް ވިދާޅުވިއެވެ.

މާލީ ބަޔާން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވެގެން ދިޔައިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައި ނުވެއެވެ. އޭގެ ތެރޭގައި ހިމެނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 31 ކެންޑިޑޭޓަކާިއ ޕީޕީއެމް ގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓުންނާއި ޕީއެންސީގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އަދާލަތު ޕާޓީގެ ފަރާތުން ކުރިމަތިލި 1 ކެންޑިޑޭޓަކާއި، އެމްޓީޑީ ގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެއްގެ އިތުރުން ލޭބާ ޕާޓީގެ ފަރާތުން ކުރިމަތިލި 2 ކެންޑިޑޭޓެކެވެ.

ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅި ޕާޓީތަކަކީ އެމްޑީޕީ، ޖޭޕީ، އެމްޑީއޭ އަދި ޑީއާރުޕީގެ ކެންޑިޑޭޓުންނެވެ.

މިދިޔަ އަހަރު އިސްލާހު ގެނެވުނު، އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ވާގޮތުން ނަމަ މާލީބަޔާން ހުށަހަނާޅާ ކެންޑިޑޭޓުން 6000 ރުފިޔާއާ 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ނުވަތަ ހަމަހާ ދެ އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އިއްވިދާނެއެވެ.