އިސްލާމިކް މިނިސްޓްރީން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނީ އިންސާފު ވެރިކަމާ އެކު ނޫން ކަމަށް ބުނެ ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕުން އެ މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ސިސިލްފަރު ގްރޫޕުން، އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވި އިރު، އެ ކުންފުންޏަކީ 35 އަހަރު ވާންދެން މީހުން ހައްޖަށް ގެންދިޔަ ކުންފުންޏެއް ކަމުގައި ވިޔަސް، ތަޖުރިބާ އަށް އެ ކުންފުންޏަށް 0.7 ޕަސަންޓު މާކްސް ލިބިފައިވާތީއެވެ. ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމަށް ކުންފުނިތައް ހޮވުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން ޕްރޮސެސް ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދިފައި ވެއެވެ.
އެގޮތުން، ސިސިލްފަރު ކުންފުނީގެ ގާނޫނީ ވަކީލް، ނާޒިމް ސައްތާރު ވަނީ ދިވެހިން ހައްޖު ކުރަނީ ކޮރަޕްޝަނުންތޯ އަހާ ސުވާލު ކޮށްފައެވެ. ނާޒިމް ބުނީ، 35 އަހަރު ވާންދެން މީހުން ހައްޖަށް ގެންދިޔަ ގްރޫޕުގެ ތަޖުރިބާއަށް 0.7 ޕަސަންޓް ދީފައި އޮތް ކަން ފާހަގަ ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ ހައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރި ކޮމެޓީގެ ރިޕޯޓް ގައި ކުންފުނިތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލު ހިމަނާފައިވެއެވެ. އެގޮތުން، ހައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ހުޅަހަޅާ، ބާތިލް ކޮށްފައިވާ ޕްރޮޕޯސަލްތައް ބާތިލް ކުރި ސަބަބު ވެސް ބަޔާން ކޮށްފައިވެއެވެ. އަދި އިވްލުއޭޓް ކުރި ކުންފުނިތަކަށް ޕޮއިންޓް ލިބުނު ގޮތްވެސް އެ ރިފޯޓްގައި އާންމު ކޮށްފައިވެއެވެ.
މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައަށް 18 ކުންފުނިން އެދުނު އިރު، އޭގެ ތެރެއިން ފަސް ކުންފުންޏަކަށް ހުއްދަ ދީފައިވެއެވެ. މި ކުންފުނިތަކުގެ ތެރޭގައި، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައިމާ ގުރޫޕް، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ. މި ފަސް ކުންފުނީގެ އިތުރުން މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދެން އޮންނާނީ ހައްޖު ކޯޕަރޭޝަނަށެވެ.