ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ގޮތުން ކޮންމެ ހަފްތާއަކު އެއްފަހަރު ބާއްވަމުން އަންނަ އިހްޔާ ފޯރަމްގެ ސައި (ރިފްރެޝްމަންޓް) އިންތިޒާ ކުރަން ބަޔަކު ހޮވުމުގައި އެއްވެސް ކަހަލަ ކޮރަޕްޝަނުގެ އަމަލެއް ހިންގައިފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިހްޔާ ފޯރަމް އިންތިޒާމް ކުރުމުގައި ފޯރަމަށް ހާޒިރުވާ ފަރާތަކަށްތަކަށް ތައްޔާރު ކުރާ ރިފްރެޝްމަންޓް ތައްޔާރު ކުރުމަށް ބިޑަށް އިއުލާނުކޮށް ބުރުޒު ކޭޓަރިން ހޮވާފައި ވާނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނޫންކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އެކަން ކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ބައެއް މީޑިއާ ޕްލެޓްފޯމްތަކުގައި ދެކެވޭ ވާހަކައަށް އެ މިނިސްޓްރީން ބުނީ މާކުސް ދިނުމުގައި އަގަށް 70 ޕަސެންޓު ދިން ކަމުގައި ވިޔަސް އަނެއް 30 ޕަސެންޓު ބަލަނީ ތަޖުރިބާއަށް ކަމަށާ ބުރުޒުން ހުށަހަޅައިފައިވާ އަގާއި ބުރުޒުގެ ތަޖުރިބާ އަށް ބެލުމުން، ބިޑަށް ލާފައި ހުރި އެހެން ފަރާތްތަކަށް ވުރެ ބުރުޒުގެ ޕޮއިންޓު އިތުރުވާކަމަށެވެ. އެހެން ކަމުން މި ކަމުގައި މިނިސްޓްރީގެ ފަރާތުން އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ހިންގާފައި ނުވާނޭ ކަމަށެވެ. އާންމު ވެފައިވާ އަގު ލިސްޓުން އެނގޭ ގޮތުގައި ބުރުޒަށް ވުރެ ހެޔޮ އަގު ހުށަހަޅާފައިވާ ފަރާތްތައް ހިމެނެއެވެ.
މީގެ އިތުރުން ހައްޖަށް މީހުން ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ބީލަމުގައި މާކުސް ދިން އިރު، 35 އަހަރު ވާންދެއް ހައްޖަށާއި އުމްރާއަށް މީހުން ގެންދިއުމުގައި ހިދުމަތް ކުރި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕަށް 0.7 ޕަސެންޓް ލިބިފައި ވުމުގެ ސަބަބުން އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. ބައެއްގެ ތަޖުރިބާ އަށް ބަލައިގެން ޕޮއިންޓް ދޭ އިރު އެދަރަޖައަށް ދަށްވެފައި ވަނީ ކީއްވެތޯ އެފަރާތްތަކުން ސުވާލު އުފައްދައެވެ.
މިކަމާ ގުޅޭ ގޮތުން 'ދަ ޕްރެސް' ގެ ފަރާތުން އިސްލާމިކް މިނިސްޓްރީ އަށް ގުޅުމުން ބުނީ ޖަވާބެއް ދެވޭނީ މާދަމާ ކަމަށެވެ. 'ދަ ޕްރެސް' އަށް ލިބިފައިވާ ލިސްޓުގައި ސިސިލްފަރަށް ވުރެ ހަގު ބައެއް ކުންފުނިތަކަށް މާކްސް ގިނަކަން ފާހަގަ ކުރެވެއެވެ.