އިމާރާތް ކުރާ އިރު މަސައްކަތު ބޯޑު ނުވަތަ ޑޭންޖާ ބޯޑަށް ސަމާލުކަން ދިނުމަށް މުޖުތަމައު ހޭލުންތެރި ކުރުވަން ޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

އަނާރާ ވިދާޅުވީ، އިމާރާތް ކުރާ އިރު މަސައްކަތު ބޯޑު ނުވަތަ ޑޭންޖާ ބޯޑު ބަހައްޓާފައި ހުއްޓާވެސް މީހުން އެތަންތަނުގެ ދަށުން ހިނގާ، ދުއްވާ އެއްޗެހި ދުއްވާ ކަމަށާއި އެއީ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލަ ހައްލު ކުރުމަށް މުޖުތަމައު ހޭލުންތެރި ކުރަން ޖެހިފައިވާ ކަން އަނާރާ ފާހަގަ ކުރެއްވިއެވެ.

ޓްވީޓްގެ ޒަރިއްޔާއިން އަނާރާ ފާޅު ކުރެއްވި ހިޔާލަށް ރައްދު ދެމުން އާންމު މީހަކު ވަނީ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ފުރަތަމަ އިމާރާތް ކުރާ ކުންފުނި ނުވަތަ އެތަނުގައި ތިބޭ މީހުން ހޭލުންތެރި ކުރުވުން މާ މުހިންމު ކަމަށް ބުނެފައެވެ. މީގެ އިތުރުން ވެސް އާންމު މީހަކު ދިން ޖަވާބެއްގައި ވަނީ މިފަދަ ތަންތަނުން ހިނގާފައި ނުވަތަ ދުއްވާފައި ދާން ޖެހެނީ މަގުމަތީގައި ތަން ނޯންނާތީ ކަމަށެވެ.

އިމާރާތް ކުރުމުގެ މަސައްކަތް ކުރާ އިރު މަސައްކަތު ބޯޑު ނުވަތަ ޑޭންޖާ ބޯޑު ބަހައްޓާފައި ހުއްޓަސް، އެ ބޯޑަށް ސަމާލުކަން ނުދީ އެތަންތަނުގެ ދަށުން ހިނގާ ނުވަތަ ދުއްވާ އެއްޗެހި ދުއްވާ މަންޒަރަކީ މިހާރު މާލެއިން ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. އަދި މިފަދަ އިމާރާތްތަކުން އެއްޗެހި ވެއްޓި، ކައިރިން ހިނގާފަ ނުވަތަ ދުއްވާފައި ދާ މީހުން ގައިގައި ޖެހި އަނިޔާ ވުމަކީ ވެސް މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ.

މިދިޔަ ޑިސެމްބަރު މަހު 16ގައި، 'ޑަބްލިއު ކޮންސްޓްރަކްޝަން' އިން ހަދަމުން ދިޔަ އިމާރަތަކުން ވެޓުނު ސިމެންތި ބަސްތާއަކުން ޖެހި، ބަންގްދަލޭޝްގެ އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާން މަރުވި ހާދިސާއަކީ ފާހަގަ ކޮށްލެވޭ ހާދިސާއެކެވެ. މިފަދަ ހާދިސާތަކާއި ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވަން ޖެހޭ ކަމަށް އަނާރާ ވިދާޅުވެފައިވާ އިރު، ޑަބްލިއު ކޮންސްޓްރަކްޝަން އަކީ އަނާރާގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އަދި އެ ކުންފުނީގެ ވެރި ފަރާތަކީ އަނާރާގެ ފިރިމީހާ އާދަމް ޝަފީގެވެ.

ޖިއާން މަރުވި ހާދިސާއާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރަތް ކުރުމުގެ ހުއްދަ އޭރު އަތުލިއެވެ. އޭގެފަހުން މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ޑަބްލިއު ކޮންސްޓްރަކްޝަނަށް ވަނީ އިމާރާތް ކުރުމުގެ ހުއްދަ އަނބުރާ ދީފައެވެ. ނަމަވެސް މ. ނަލަހިޔާ މަންޒިލްގައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތްތަކަށް އަދި ހުއްދައެއް ނުދެއެވެ. އެއީ އެ ހާދިސާގެ ތަހުގީގު ނުނިމޭތީއެވެ.