އަސްކަރީ ހޮސްޕިޓަލް ސެނަހިޔާގެ ފެންވަރު މަތިކުރުމާ ބެހޭގޮތުން އިންޑިއާ ސިފައިންގެ އިސް ބައެއް ވެރިންނާއެކު، ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖޭގައި ގާއިމްކުރި ފުރަަމަ އަސްކަރީ ހޮސްޕިޓަލް ހުޅުވާފައިވަނީ ސެޕްޓެމްބަރު 16، 2019 ގައެވެ. މިއީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އަމާޒުކޮށްގެން ހުޅުވި މިފަދަ ފުރަތަމަ ހޮސްޕިޓަލެވެ. އާސަންދައިގެ އިތުރުން ސުޕެޝަލިސްޓުންގެ ހިދުމަތް ލިބޭ ސެނަހިޔާ ހޮސްޕިޓަލުގެ ފެންވަރު މަތި ކުރުމާ ބެހޭގޮތުން އިންޑިއާ ސިފައިންގެ އިސްވެރިންތަކާ އެކު މިނިސްޓަރު މާރިޔާ މަޝްވަރާ ކުރައްވާފައިވަނީ މިއަދުއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އިންޑިއާގެ ސިފައިންގެ މެޑިކަލް ސާވިސްގެ ޑިރެކްޓާ ޖެނެރަލް މޭޖާ ޖެނެރަލް ޕްރަޝާންތު ބްރަދްވާޖް މިއަދު ހެނދުނު މިނިސްޓަރު މާރިޔާއާ ބަައްދަލު ކުރައްވައި، ސެނަހިޔާ ހޮސްޕިޓަލްގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް މި ބައްދަލުކުރެއްވުމުގެ އިތުރު ތަފްސީލެއް އަދި ސެނަހިޔާ ތަރައްގީކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމެއް މިހާތަނަށް ހާމައެއް ނުކުރެއެވެ.

އިންޑިއާގެ ސިފައިންގެ މެޑިކަލް ސާވިސްގެ ޑިރެކްޓާ ވަނީ މިނިސްޓަރު މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި ވެސް މިއަދު ބައްދަލު ކުރައްވާފައެވެ.