މި ސަރުކާރުގެ އަމާޒަކީ ފުޓްސަލް ދަނޑުގެ ބަދަލުގައި ފުޓްބޯޅަ ދަނޑު އެޅުން ކަމަށް މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ދަ ޕްރެސްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓާ ވިދާޅުވީ ފްޓްސަލްގެ ސަބަބުން ފުޓްބޯޅަޔަށް ވަރަށް ނޭދެވޭ އަސަރު ކުރަމުން ދާކަމަށާ މި ސަރުކާރުގެ އަމާޒަކީ ޒުވާނުންގެ ތެރޭގައި ފުޓްސަލްގެ ބަދަލުގައި ފުޓްބޯޅަ ދިރުވުން ކަމަށެވެ.
އަދި ނިމިދިޔަ ސަރުކާރުގައި ފުޓްބޯޔަށް އަހަންމިއްޔަތުކަން ދީފައި ނުވުމުގެ ސަބަބުން ފުޓްބޯޅަ ދަނޑުތައް ވިނަވެ ހަލާކުވެފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ހަލާކުވެފައި ވާ ފުޓްބޯޅަ ދަނޑުތައް އިތުރަށް މަރާމާތުކުރާނޭ ކަމަށް މިނިސްޓާ މަހްލޫފް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި 100 ފުޓްބޯޅަ ދަނޑު އެޅުން ކަމަށާ މި ދަނޑުތައް ބެލެހެއްޓުމަކީ އުދަނގޫ ކަމަކަށް ވެދާނެތީ ދަނޑުތައް ތަރައްގީ ކުރާނީ ޓާފްއަޅައިގެން ކަމަށެވެ. ނަމަވެސް އަދި ފުޓްބޯޅަ ދަނޑު އަޅާނެ ރަށް ތައް ކަނޑައެޅިފައި ނުވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ސަރުކާރުގައި ވަނީ ފުޓްބޯޅަ ދަނޑުގެ ބަދަލުގައި ކޮންމެ ރަށެއްގައި ފުޓްސަލް ދަނޑު އަޅާނެ ކަމަށް ބުނެފައެވެ. އަދި ބައެއް ރަށްރަށުގައި ފުޓްސަލް ދަނޑު އަޅައި އެތަންތަނުގެ ބޭނުން ވެސް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް އެކަމަށް މިހާރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ވަރަށް ގިނަ ފާޑު ކިއުންތަކެއް ވަނީ އަމާޒު ކޮށްފައެވެ.