ހުޅުމާލޭގެ މާހައުލަކީ ބަސް އޮޕްރޭޓް ކުރަން ދަތި މާހައުލެއް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީގެ އޮފިޝަލަކު 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން ބުނީ ހުޅުމާލޭގެ މާހައުލު ހުންނަ ގޮތުން ބަސް އޮޕަރޭޓް ކުރަން ދަތިކަމަށާއި ބަސް އޮޕަރޭޓް ކުރާނަމަ ބަހަށް ވަކި ލޭނެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ބަހަކީ ވަރަށް ގިނަ މީހުން ގޮވައިގެން ދަތުރު ކުރާ އެއްޗަކަށް ވުމާއި އެކު ބަސް ދުއްވާ މާހައުލު ރަނގަޅު ކުރަން ޖެހޭކަމަށެވެ.
އެ ކުންފުނިން ބުނީ، މިހާރު ހުޅުމާލޭގެ މާހައުލު އޮންނަ ގޮތުން ނަމަ، ކުރިމަތިންނާއި، ފަހަތުން، އަރިމަތިން އަދި ހުރަސްކޮށް މީހުން ދުއްވާ އަދި ހިނގާފައި އުޅޭ ކަމަށާއި އެއީ ބަސް އޮޕަރޭޓް ކުރުމަށް އެންމެ ރައްކާތެރި މާހައުލު ނޫން ކަމަށެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ބްރިޖް ހެދުމުގެ ކުރިން ސުރެ ބަހަށް ހާއްސަ ލޭނެއް ގާއިމް ކޮށްދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި އެދިފައި ކަމަށެވެ. ނަމަވެސް، އެ ކުންފުނިން ބުނީ އެ އޮތޯރިޓީން އަދިވެސް އެކަމަށް ޖަވާބެއް ނުލިބޭ ކަމަށެވެ.
އެމްޓީސީސީގެ ބަސްތައް މިފަހަކަށް އައިސް އެކްސިޑެންޓް ވާލެއް ގިނަ ކަމުން، އެއީ ކިހިނެތް ވާ ކަމެއްތޯ އަހާ 'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އެ ކުންފުނިން ބުނީ އެއީ ބަސް ޑްރައިވަރު ނިދި ޖެހިގެން ވާ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި ޑްރައިވަރުން މަސައްކަތް ކުރަން ޖެހެނީ ހަތަރު ގަޑި އިރު ކަމަށާއި އެ ކުންފުނީގެ ހުރިހާ ބަހެއްގައި ވެސް ހުންނާނީ ސްޕީޑް ލިމިޓް ކޮށްފައި ކަމަށެވެ. އަދި ކޮންމެ ބަހެއްގައި ބަސް ކޮންޑަކްޓަރު (އެހީތެރިޔާ) ވެސް ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެކްސިޑެންޓްތަކާ ގުޅިގެން އެކުންފުނިން ބުނީ 4 ގަޑިއިރު ޑިއުޓީއެއް އޮތަސް ކޮފީ ބޮއެ ދުފާ ހަދަން ޑްރައިވަރުން ބްރޭކް ނަގާ ކަމަށާ ނަމަވެސް ރޯދަ މަހު ބްރޭކް ނެތި އުޅެންވީމާ ސިކުނޑިއަށް ބުރަބޮޑުވީ ކަމަަށް ވެދާނެ ކަމަށެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ އެ ކުންފުނިން ދަނީ ހިނގާދިޔަ ހާދިސާތަކާއި ގުޅިގެން އެ ކުންފުނީގެ ފަރާތުން ކުރަން ޖެހޭ ތަހުގީގުތައް ކުރަމުން ކަމަށެވެ. މިމައްސަލަތައް ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.