މާލެ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ފްލެޓްތައް ގަންނާނެ ފައިސާ މުވައްޒަފުންނަށް ނުލިބޭ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ، ފްލެޓް ގަންނަން ބޭނުންވާ މުވައްޒަފުންނަށް ފައިސާ ލިބޭނެ ގޮތެއް ނެތް ކަމަށާއި ކުންފުނީގެ މުވައްޒަފުންނަށް ލިބޭ މުސާރައާއި އަޅާބަލާއިރު ފުލެޓް ގަތުމަށް ބޭންކްތަކުން ލޯނެއް ލިބެން ނެތް ކަމަށެވެ. އަދި އެވަރުގެ ލޯނެއް ބޭންކަށް ދައްކާނެ ކެޕޭސިޓީ ވެސް މުވައްޒަފުންގެ ގައިގައި ނެތް ކަމަށެވެ.

މި ފްލެޓްތައް އަޅަން ފެށުމަކީ އާޒިމް ސިފަ ކުރައްވާ ގޮތުގައި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް އޮޅުވާލުމުގެ ބޭނުމުގައި ގަސްތުގައި ދިން ލަނޑެއް ކަމަށެވެ. އަދި މި ފްލެޓް ތަކަކީ ކެމްޕޭނާ ދިމާކޮށް، އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އަތުން އެޑްވާންސްކޮށް ފައިސާ ނަގައިގެން ފައުންޑޭޝަން އެޅުމަށް ފަހު ބާއްވާފައި އޮތް ތަނެއް ކަމަށާއި އެ ކުންފުނީގައި މުޅި ތަން ނިންމާނެހާ ފައިސާވެސް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިއީ އިންތިހާބު ކައިރި ކޮށްފައި ކޮންމެ މުވައްޒަފަކަށް ކޮންމެ މަހަކަށް އެއްލައްކަ ރުފިޔާ މުސާރަ ދޭނަމޭ ބުނުން ކަހަލަ ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ، ދެ ޓަވަރު އަޅާގޮތަށް މިދިޔަ ސަރުކާރުން ސޮއި ކޮށްފައި ވީ ނަމަވެސް މުވައްޒަފުންގެ ތަރުހީބު ނުލިބުމުން އެއް ޓަވަރަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި މި ދެ ޓަވަރު އެޅުމަށް ނިންމާފައިވަނީ އެއްވެސް ކަހަލަ ޕްލޭނެއް ނެތި ކަމަށާއި އެމްޑަބްލިއުއެސްސީގެ ފުލެޓް އެޅުމުގެ މަޝްރޫއު އިފްތިތާހު ކުރެވުނީ ރައްޔިތުންގެ ފަރާތުން ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ، މިހާރުގެ ސަރުކާރުގެ ވިސްނުމަކީ މުވައްޒަފުންނަށް މަހުން މަހަށް ފައިސާ ދެއްކޭނެ ގޮތަށް ފުލެޓަށް ދައްކާ އަގު ތިރިކޮށްގެން މަޝްރޫއޫ ހިންގުން ކަމަށާއި އެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް އޭނާ އަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ބިން ހިއްކާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި 'ހިޔާ' ޕްރޮގްރާމްގެ ދަށުން އެމްޑަބްލިއުއެސްސީގެ ދެ ޓަވަރު އަޅަން ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ޓްވެންޓީ ތާޑް މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސް' އަށެވެ. މި ދެ ޓަވަރުގައި 384 އެޕާޓްމަންޓް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ އިތުރުން ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ހުންނާނެ ކަމަށް މި މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިއުލާން ކޮށްފައިވެއެވެ.