އަނިޔާކޮށް އިހާނެތި ގޮތަކަށް މަރާލާފައިވާ މުހައްމަދު އިބްތިހާލުގެ މަރަށް މިހާތަނަށް އިންސާފު ލިބިފައި ނުވާއިރު، އޭރުގެ ޖެންޑާގެ އިސްމާގާމެއްގައި ހުންނެވި އަދި މިހާރުގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ މަގާމުގައި ހުންނަވައިގެން އިބްތިހާލުގެ މަރަށް އިންސާފު ހޯދެން ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން ކުޑަކުދިންނަށް ލިބޭ އަނިޔާއާއި ބެހޭ ގޮތުން އެކި ފަންތީގެ މީހުން ވާހަކަ ދައްކަމުން އަންނަ އިރު، އިބްތިހާލަށް އިންސާފު ހޯދައި ދިނުމަށްފަހު އެ ދުވަސް ފާހަގަކުރުމަށް ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ޝިދާތާ ވެސް ޓެގްކުރަމުންނެވެ.
ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބްތިހާލަށް އެންމެ ބޮޑަށް އިހްމާލުވީ އޭރުގެ ސަރުކާރުން އެކަން ބަލަހައްޓާ އޮފީހުގެ ޒިންމާ ނަގަން ހުރި މީހާ ކަމަށެވެ. އަދި މިއަދު ޖެންޑާ މިނިސްޓަރަކަށް އޭނާ ހުންނެވުމުން އިންސާފު ހޯދައިދޭނީ ކިހިނެއްތޯ ވިދާޅުވެ ނިހާން ވަނީ ސުވާލު އުފައްދަވާފައެވެ.
އަނިޔާވެރި ގޮތަކަށް ވ. ރަކީދޫގައި މަރާލާފައި އޮއްވައި ފެނުނު ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި އިރު، މިހާރުގެ ޖެންޑާ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފް އޭރު ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ. މި މައްސަލަ އެތައް ދުވަހަކަށް ދިގު ދެމިގެން ގޮސް 2017 ވަނަ އަހަރު އެޗްއާރުސީއެމުން ކުރަމުން ދިޔަ ތަހުގީގާ ގުޅިގެން ޝިދާތާގެ ޕާސްޕޯޓު ވެސް ހިފެހެއްޓިއެވެ. ނަމަވެސް ޝިދާތާ އެއިރު ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތީ ސިޔާސީ ބޭނުމެއްގައެވެ.
އިބްތިހާލް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އިބްތިހާލްގެ ހަށިގަނޑު ބެލި ޑޮކްޓަރު ދެއްވި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނޭވާހާސްކުރުމުގެ ގޮތުން ކަރުގައި ހިފާފައިހުރިކަމަށް ބެލެވޭ ނިޝާންތަކެއް އެކުއްޖާގެ ކަރުން ފެންނަން ހުރި ކަމަށާއި އެކުއްޖާގެ ކަނާތްފަރާތު ނިތްކުރިއާ ދިމާލުން ބައެއް ދުޅަވެފައި ހުރި ކަމަށް ވެއެވެ. އަދި އިބްތިހާލްގެ މޫނުމަތީގައި އެކިވަރުގެ ކުދި ޒަހަމްހުރި ކަމަށާއި ކަނާތު ކަންފަތުގައި ފާރުގަނޑެއް ހުރުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެކިފަހަރުމަތިން ލިބިފައިވާ އަނިޔާގެ ލަކުނުތައް ފެންނަން ހުރި ކަމާއި މޭކަށިތަކުން ބައެއް ކަށިތައް ބިންދައިގެން ގޮސްފައިހުރިކަން ފާހަގަ ކޮށްފައިވެއެވެ.
އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އިބްތިހާލު މަރުވީ އަނިޔާ ކުރުމުން ކަމަށް އާފިޔާ ވަނީ ކުރިން ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފުވެފައެވެ. ނަމަވެސް ފަހުން އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް ދެކޮޅު ހަދާފައެވެ. އެގޮތުން އިބްތިހާލަށް އެއްވެސް ގޮތަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި މީގެ ކުރީގެ އަޑުއެހުންތަކުގައި އަނިޔާކުރާކަމަށް ބުނެފައި ވަނީ ޖަލު އޮފިސަރުން މަރުގެ އިންޒާރުދިނުމުން ކަމަށް އާފިޔާ ބުނެފައި ވެއެވެ.
އިބްތިހާލް މަރާލި ކަމަށް އާފިޔާ ދެކޮޅު ހެދުމުން، ދައުލަތުގެ ވަކީލުން ވަނީ ކުރިން ހުށަނާޅަން ނިންމި 19 ހެކީންގެ ހެކިބަސް ނަގައި ދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފައެވެ.