މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ 364 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތައް ކަމަށެވެ. އެގޮތުން މިއަހަރު ކުޑަކުދިންނަށް ކުރާ އަނިޔާގެ 364 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. އަދި އެންމެ ގިނަ މައްސަލަ އައިސްފައި ވަނީ ކުޑަކުދިންނަށް އިހުމާލުވުމުން ކުދިންނަށް ލިބިފައިވާ އަނިޔާތަކުގައެވެ.
2018 ވަނަ އަހަރު ކުޑަކުދިންނަށް އަނިޔާލިބިފައިވާ 747 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި ކުޑަކުދިންގެ ކުށުގެ ރެކޯޑްގެ 164 މައްސަަލައެއް ފުލުހަށް ހުށަހަޅާފައިވާ ކަމަށް ސްޓެޓިސްޓިކްސް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކުޑަކުދިންނަށް ލިބިފައިވާ އަނިޔާގެ 747 މައްސަލައެއް ހުށަހެޅިފައިވާ އިރު އޭގެތެރޭގައި އެންމެ ގިނައީ ޖިންސީގޮތުން ގޯނާ ކުރުމުގެ މައްސަލައާއި ގެވެށިއަނިޔާގެ މައްސަލަތަކެވެ. އަންހެން ކުދިންނަށް ޖިންސީ ގޮތުން ގޯނާ ކޮށްގެން 200 އަށް ވުރެ މައްސަލަ ހުށަހަޅާފައިވާ އިރު ފިރިހެން ކުދިންނަށް ޖިންސީ ގޮތުން ގޯނާ ކޮށްފައިވަނީ 60 އާއި ގާތްކުރާ މައްސަަލައެއް ހިމެނެއެވެ. އަދި މީގެތެރެއިން ގެވެށިއަނީޔާ ލިބިފައިވާ ކުދިންގެ އަދަދު 120 އާއި ގާތްކުރެއެވެ.
ކުޑަކުދިންގެ ކުށުގެ ރެކޯޑުގައި 164 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުނާއިރު އޭގެ ތެރޭގައި އެންމެ ގިނައިން ކުދިން ކުރާ ކުށުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތިގެ މައްސަލައާއި މާރާމާރީގެ މައްސަލަައެވެ. ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 41 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކަށް ވީއިރު 34 ޕަސެންޓަކީ މާރާމާރީގެ މައްސަލައެވެ. އަދި މީގެ ތެރޭގައި ވައްކަމުގެ މައްސަލައާއި، ޖިންސީ އަދި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ފޭރުމުގެ މައްސަލަ ހިމެނެއެވެ.
ކުޑަކުދިން ދުވަހުގެ މުނާސަބަތާއި ގުޅިގެން ޖެންޑާ މިނިސްޓާ ޝިދާތާ ޝަރީފް ވިދާޅުވީ، ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ހިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ދަނީ ހޭލުންތެރިކުރުވަމުން ކަމަށެވެ. މި ފަދަ ކަންކަމުގައި ފުރިހަމަ ނަތިޖާއަކަށް ވާސިލުވުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.