ތޫނިސްގެ ބޭރުން މެޑިޓަރޭނިއަން ކަނޑުގެ ސަރަހައްދަށް ބޯޓެއް ބަންޑުންޖަހާލައި، ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

ބަންޑުންޖަހާލި މި ބޯޓަކީ ހިޖުރަކުރަމުންދިޔަ ބަޔަކު ގޮވައިގެން ދަތުރުކުރަމުން ދިޔަ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާގައި 50 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ހިޖުރަވެރިންނާ ބެހޭ އދގެ ޖަމިއްޔާއިން ބުނާއިރު، ތޫނިސްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި 70 އެއްހާ މީހުންވަނީ ކަނޑަށް ގެނބިފައެވެ.

މިހާތަނަށް ފެނިފައިވަނީ އެންމެ 3 މީހުންގެ ހަށިގަނޑެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ތޫނިސްގެ ކަނޑުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާއިރު މިހާތަނަށް 16 މީހަކު އަސްކަރީ މަނަވަރަކަށް ނަގާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތޫނިސްގެ ކަމާ ބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ބޯޓަކީ ރެފިއުޖީން އަރުވައިގެން ލީބިޔާއިން ފުރި ބޯޓެކެވެ.

އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުވެސް މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް 6 ހިޖުރަވެރިއެއްގެ ފުރާނަވަނީ ގެއްލިފައެވެ.