ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގައި ކޮންޓްރެކްޓަށް މަސަތްކަތް ކުރަމުންދާ ބަންގްލަދޭޝް މުވައްޒަފުން ތަކެއް މުސާރަ ނުދިނުމުން އެމީހުން ނިކުމެ ކުރި މުޒާހަރާ ހުއްޓާލީ އަންނަ ހޯމަ ދުވަހު މުސާރަ ދޭން އެއްބަސް ވުމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ ހައްލު ކުރުމަށް ރިސޯޓުގެ މެނޭޖްމެންޓާއި މަސައްކަތް ހަވާލުވެގެން އުޅޭ ކުންފުންޏާއި މުޒާހަރާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަސް ބިދޭސީއަކާ ވާހަކަ ދައްކާފައި ވާ ކަމަށެވެ. އަދި މި ފެށޭ ހަފްތާގެ ހޯމަ ދުވަހުގެ މުސާރަ ދިނުމަށް ވަނީ މަސަތްކަތް ހަވާލުވެގެން އުޅޭ ކުންފުނިން އެއްބަސްވެފައި ވާކަމަށެވެ.

އަދި ހޯމަ ދުވަހުގެ މުސާރަ ނުލިބުނަސް މުޒާހަރާ ނުކުރުމަށާ، ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް ބިދޭސީންނަށް ނަސޭހަތްތެރިވެފައި ވާކަމަށް ފުލުހުން ބުނެއެވެ.

ރޭ އިރާކޮޅުގެ ވަގުތެއްގައި މުސާރަ ނުދިނުމުގެ ސަބަބުން ރިސޯޓުގެ ތާޑް ޕާޓީ ކޮންޓްރެކްޓުގައި މަސަތްކަތް ކުރަމުންދާ 50 އަށް ވުރެ ގިނަ ބިދޭސީ މުވައްޒަފުން ލަކުޑި ބުރި އާއި ދަނޑިބުރިފަދަ ތަކެއްޗާއެކު މުޒާހަރާ ކޮށް ގެސްޓު އޭރިޔާ އަށް ވަނުމަށް މަސަތްކަތް ކުރިކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.