"ސަކްސެސް ފީ" ގެ ގޮތުގައި އަލްހާން ފަހުމީގެ ހިއްސާ އޮންނަ ލޯ ފާމެއް ކަމުގައިވާ "ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްސް" އަށް 174 މިލިޔަނަށް ވުރެން ގިނަ ރުފިޔާ ދޭން ޖެހިފައިވާ ކަން ހާމަވެއްޖެއެވެ. މިކަން ހާމަވާ އެއްބަސް ވުމެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ދީބާޖާ އިންވެސްޓްމެންޓާ "ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓުން" ވެފައިވާ އެއްބަސްވުމުގައި ވަނީ އެ މައްސަލައިގައި ދީބާޖާ އިންވެސްޓުމެންޓަށް ލިބޭ 348,995,154.60 ރުފިޔާގެ 50 ޕަސެންޓް ކަމުގައިވާ 174,497,577.30 ރުފިޔާ ވަނީ ސަކްސެސް ފީގެ ގޮތުގައި ކަނޑަ އަޅާފައެވެ.

ދީބާޖާ އިންވެސްޓްމެންޓަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އުތުރު ޕްރޮވިންސަށް ފެރީގެ ހިދުމަތް ދިނުމަށް އޭރުގެ ސަރުކާރާއެކު އެއްބަސްވި ކުންފުންޏެވެ. އެކުންފުންޏަށް ދެރަށްވެސް ދީފައި ވާއިރު ފެރީގެ ހިދުމަތް ދޭން ގެންގުޅުނީ އެންމެ ދޯންޏެކެވެ. އެގްރީމެންޓާ އެއްގޮތަށް ހިދުމަތް ދީފައި ނުވާތީއާއެކު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފައެވެ. އެއްބަސްވުން ބާތިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ކަމަށް ބުނެ އެ ކުންފުނިން ހުށަހެޅި މައްސަލައިގައި 348 މިލިއަން ރުފިޔާ ދައުލަތުން ދީބާޖާއަށް ދޭން ޖެހޭނެ ކަމަށް ދަށުކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.

ދީބާޖާ އިންވެސްޓުމެންޓާ އެކު ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސް ވުމެއް އެކުލަވާލައިފައި ވަނީ 2010 ވަނަ އަހަރުއެވެ. އެއްބަސްވުން އުވާލި މައްސަލައިގައި ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާއިން ވަނީ 2.4 ބިލިއަން ރުފިޔާ ހޯދުމަށް ދައުވާ ކުރިއެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި 348 މިލިޔަން ރުފިޔާ ދިނުމަށެވެ.