މަގުމައްޗަށް ކުނިއެޅުން ފަދަ ހުތުރު އަމަލުތައް ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފް ގޮވާލައިއެވެ. ސަމާއު މިހެން ވިދާޅުވެފައިވަނީ އިއްޔެ ފަތިސް ނަމާދާއި މެންދުރު ނަމާދާ ދޭތެރޭގައި މާލޭގެ ބައެއް ގެތަކުން މަގުމައްޗަށް ކުނި އަޅައިފައިވާތީ، އެކަމާ ގުޅޭގޮތުން ކޮށްފައިވާ ޓްވީޓެއްގައެވެ.

މާލޭގެ ގިނަ ސަރަހައްދުތަކުގައި ކުނި ބަހައްޓާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ޝަމާއު ވަނީ ޓްވިޓާގައި އާންމުކުރައްވާފައެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އެނދު، އަލަމާރި ފަދަ ލަކުޑިން ހަދާފައިވާ ތަކެތީގެ އިތުރުން ކުނި ކޮތަޅު ފަދަ ތަކެތި ގިނަ އަދަދަކަށް މަގުމަތީގައި ބަހައްޓާފައި ހުއްޓެވެ. ޝަމާއު ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހު މަގުމައްޗަށް ކުނިއެޅީ ކާކުތޯ މި ވީޑިއޯގައި ސުވާލުކުރައްވާފައެވެ.

ޝަމާއު ވިދާޅުވީ މާލޭގެ ސަރަހައްދުތަކުގައި ފުލުހުން ހަރުކޮށްފައިވާ ކެމެރާތަކުން ކުނި އެޅި ފަރާތްތައް ބެލުމުގެ މަސަތްކަތް ކުރައްވާފައި ވާކަމަށާ ނަމަވެސް ކެމެރާތަކުން މާބޮޑަށް އެފަރާތްތައް ދެނެގަނެވިފައި ނުވާ ކަމަށެވެ.

މާލޭގެ ގޭބިސީތަކުގައި އުފެދޭ ކުނި ނެގުމުގެ މަސަތަކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯއިން) ދަނީ ކުރަމުންނެވެ. މިގޮތަށް އުކާލަންޖެހޭ ބޮޑެތި ކުންޏަށް އުޖޫރައެއް ވެމްކޯއިން ނަގައެވެ. ނަމަވެސް އާންމުންގެ އެއްބާރުލުން މިފަދަ ކަންކަމަށް ދޭ މަންޒަރެއް ނުފެނެއެވެ. މަގުމައްޗަށް ކުނި އެޅުމަކީ މާލޭގައި އާންމުކޮށް ފެންނަ މަންޒަރެކެވެ.