ސްރީލަންކާ އިން ރާއްޖެއަށް ބަދަލުވި އާއިލާތަކުގައި އުޅޭ ކިޔަވާ ކުދިނަށް މާލެގެ ސްކޫލްތަކަށް އޮންނަ އުސޫލުގެ މަތިން ވަދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީ ޓެގްކޮށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ލަންކާ އިން ރާއްޖެ ބަދަލުވި ދިވެހި ކުދިނަށް ސްކޫލްތަކުން ޖާގަ ދޭނެތޯ ސުވާލު ކުރައްވާފައެވެ. މި ޓްވީޓާއި ގުޅިގެން 'ދަ ޕްރެސް' އާ ވާހަކަ ދައްކަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖެ ބަދަލުވި ކުދިން ސްކޫލަށް ވެއްދުމަށް ހުށަހެޅުމުން، އެ މިނިސްޓްރީން އެފަދަ ކަންކަން ކުރިއަށް ގެންދާ އުސޫލުތަކުގެ މަތިން އެ ފުރުސަތު ދެވޭނެ ކަމަށެވެ.

އަވައްޓެރި ސްރީލަންކާ އަށް މިދިޔަ މަހު 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާން ކުރުމުގެ އިތުރުން އެ ގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އަދި ބޮމުގެ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓްގެ ކިޔާ ޖަމްއިއްޔާ އަކުން އުފުލުމާއި ގުޅިގެން، ލަންކާގެ ބައެއް ފަރާތްތަކުން ދަނީ މުސްލިމުންނާއި މެދު ތަފާތު ކުރުންތަކެއް ގެންގުޅެމުންނެވެ. 250 އަށް ވުރެ ގިނަ މީހުން މަރުވެ، 400 އެއްހާ މީހުން ޒަހަމްވި މި ހަމަލާ ތަކަށް ފަހު، ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ އަނބުރާ ރާއްޖެ ބަދަލުވެފައެވެ.