ޑެންގޫ އަދި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު އަދިވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމު ކޮށްފައިވާ ޑެންގޫ އަދި ޗިކުންގުންޔާގެ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ ހަތް ދުވަހުގެ ތެރޭގައި ޗިކުންގުންޔާ ޖެހިފައިވާ މީހުންގެ އަދަދު 296 އިން 307 އަށް އަރައިފިއެވެ. އަދި މިދިޔަ ހަތް ދުވަހުގެ ތެރޭގައި ޑެންގޫ ޖެހިފައިވާ މީހުންގެ އަދަދު 467 އިން 506 އަށް އަރައިފިއެވެ.

މި އަހަރުގެ މިހާތަނަށް ޑެންގޫ ހުން ޖެހިގެން 1930 ކޭސް ރިޕޯޓް ކޮށްފައި ވާއިރު ޗިކުންގުންޔާ ޖެހިގެން 839 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ރިޕޯޓްތަކާއި އަޅާބަލާއިރު މިއަހަރު ޑެންގޫ އަދި ޗިކުންގުންޔާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ ޗިކުންގުންޔާ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައި ވަނީ ގއ އަތޮޅާއި މާލެ އަދި ހުޅުމާލެ އިން ކަމަށެވެ. އަދި ޑެންގޫ ޖެހިގެން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ ހދ، ލ އަދި ހުޅުމާލެ އިން ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.